100

ކ. މާފުށިން ގިނަ އަދަދެއްގެ ބިޔަރު ތަޅުތަކަކާއި ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުންދަނިކޮށް، އޭނާއަށް ތުހުމަތުކުރެވިގެން އެރަށު ބަނދަރު ސަރަހައްދުން ހުއްޓުވައި ބަލައިފާސްކުރިއިރު ހަތް ދަޅު ބިޔަރު ފެނުމާ ގުޅިގެން ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެރޭ 19:20 އެހާކަންހާއިރުއެވެ.

މިމައްސަލައާ ގުޅިގެން އެމީހާ ހައްޔަރުކޮށް، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑިސެމްބަރު 28 ވަނަ ދުވަހުގެރޭ 21:35 އެހާކަންހާއިރު އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު، އެގެއިން 203 ދަޅު ބިޔަރާއި އެކި ބްރޭންޑްތަކުގެ 42 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މިމައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.