viber_image_2019-12-24_10-46-41

ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލް ގުޅިގެން ހޯރަފުށީ ރައްޔިތުންނަށް އަމާޒުކޮށްގެން ” ކޮމިއުނިޓީ ފަސްޓް އެއިޑް ކޯސް” ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުންނާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެކެވެ.

ހޯރަފުށީ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި  ހޭނެތިފައިވާ މީހަކަށް ފަރުވާ ދޭންވީ ގޮތާއި،  ސީޕީއާރް ދޭނެގޮތާއި ސީޕީއާރު ދިނުމުގައި ވިސްނަންވީ ކަންތައްތައް އުނގަންނައިދެވޭނެއެވެ. އަދި  ކުއްލިއަކަށް މީހާގެ ހަށިގަނޑަށް ޝޮކެއް އަތުވެއްޖެނަމަ ކަންތައްތައް ކުރަންވީ ގޮތްތަކާއި، އެފަދަ މީހުންނަށް ފުރަތަމައެހީ ދިނުމުގައި ވިސްނަންވީ ކަންތައްތަކުގެ އިތުރުން އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ މީހާއާ މެދު ކަންތައްތައް ކުރަންވީ ގޮތްތަކާއި، އެފަދަ މީހުން އުފުލާއިރު ސަމާލުކަން ދޭންވީ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އިންސާނާ ތަޙައްމަލް ކުރަމުންގެންދާ އެކިއެކި ބަލިތަކާއި ގުޅޭ މައުލޫމާތުތަކާއި، ފުރަތަމައެހީ ދޭނެ ގޮތްތަކާއި ބެހޭ މަައުލޫމާތުވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ހޯރަފުށީގެ އިތުރުން އެހެން ރަށްރަށުން ޖުމްލަ 21 ފަރާތަކުން ބައިވެރިވެފައިވެއެވެ. އަދި މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަނީ މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލްގެ ހެޑް މުޙައްމަދު ޝިޒްލީނެވެ.