ނޫސްބަޔާން ނަންބަރު:PMC/2019/21

ކ.މާލެ / ހ.މޫންލައިޓްވެލީ، ޢަލީ ޝާފިޢު  އޭނާގެ އަންހެނުންނާއި ދަރިންނާއިއެކު އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައިވާ މައްސަލައާއި ގުޅޭގޮތުން ދަންނަވަމެވެ.

ކ.މާލެ / ހ.މޫންލައިޓްވެލީ، ޢަލީ ޝާފިޢު އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ، އެފަދަ ފަރާތްތަކާއި ގުޅުން ބާއްވަމުން އައިސްފައިވާ މީހެކެވެ. 2015 ފެބްރުއަރީ 09 ވަނަ ދުވަހު ޢަލީ ޝާފިޢު އޭނާގެ ކުރީގެ އަނބިމީހާ އާއި  ދަރިފުޅު ގޮވައިގެން ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީއަށް ދިއުމަށް ފުރަން އުޅެނިކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން އެމީހުން ހިފަހައްޓާފައެވެ. ޢަލީ ޝާފިޢުއަކީ ހަތިޔާރު ގެންގުޅެ ފޮރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 2015 ސެޕްޓެމްބަރ 30 ވަނަ ދުވަހު ހައްޔަރުކުރެވުނު މީހެކެވެ. މިގޮތުން ބ.ހިބަޅިދޫ ކައިރީ ކަނޑުތެރެއިން ފެނުނު ހަތިޔާރާއި، ގޮވާތަކެއްޗާއި ގުޅުންހުރި ބައެއް ތަކެތި ޢަލީ ޝާފިޢުގެ އަތުން ފެނުނު ނަމަވެސް މިމައްސަލައިގައި ޝަރީޢަތަށް ސާބިތުކުރެވޭ މިންވަރަށް ހެކި / ޤަރީނާ ނެތުމުގެ ސަބަބުން 2016 ޖެނުއަރީ 18 ވަނަ ދުވަހު ޢަލީ ޝާފިޢު ވަނީ ބަންދުން ދޫކޮށްލާފައެވެ.

 2018 ޖޫން 23 ވަނަ ދުވަހު ޢަލީ ޝާފިޢު ވަނީ އޭނާގެ އަންހެނުންނާއި 04 ދަރިންނާއިއެކު ބޭސްފަރުވާކުރުމަށް ސްރީލަންކާއަށް ގޮސް، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކޮށް، ޕާކިސްތާނުގެ މަގުން އަފްޣާނިސްތާނަށް އެތެރެވެފައެވެ. ޢަލީ ޝާފިޢު ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކުރިކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުމާއި ގުޅިގެން ބޭރުގެ ސަލާމަތީ އަދި ތަންފީޛީ އިދާރާތަކާއި ގުޅިގެން ބެލިބެލުމުން ޢަލީ ޝާފިޢު ޕާކިސްތާނުގައި ޙަރަކާތްތެރިވަމުންދާކަމުގެ މަޢުލޫމާތު ލިބުނެވެ. އަދި އޭގެފަހުން 2018 ނޮވެމްބަރ 11 ވަނަ ދުވަހު ޢަލީ ޝާފިޢުއާއި އޭނާގެ އަންހެނުންނާއި ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސްއިން ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް މިސަރވިސްއަށް ލިބިފައިވެއެވެ. އަދި ޢަލީ ޝާފިޢު އަފްޣާނިސްތާނަށް ދަތުރުކޮށްފައިވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ގޮތްޕެއް ކަމަށްވާ “އިސްލާމިކް ސްޓޭޓް ޚޮރަސާން ޕްރޮވިންސް” (އައި.ސިސް.ކޭ) އާއި ގުޅުމަށްކަމަށާއި، ޢަލީ ޝާފިޢުގެ އަތުން ނެގުނު ޑިޖިޓަލް ޑިވައިސްއަކުން އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ޕްރޮޕެގެންޑާ ވީޑިއޯތަކެއް ފެނިފައިވާކަމަށްވެސް މަޢުލޫމާތު ލިބުނެވެ.

 ޢަލީ ޝާފިޢުއާއި އޭނާގެ ޢާއިލާ އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު ލިބުމާއިއެކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަފްޣާނިސްތާނުގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި ގުޅިގެން މިމައްސަލަ ވަރަށް ގާތުން ބަލަމުން ގޮސްފައިވެއެވެ. މިމައްސަލަ ތަޙްޤީޤުކުރުމަށް އަފްޣާނިސްތާނުގެ ކަމާގުޅޭ އިދާރާތަކާއިއެކު ދިވެހި ފުލުހުން ވަނީ ޖޮއިންޓް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އަދި ޢަލީ ޝާފިޢު އަފްޣާނިސްތާނަށް ފޮނުވުމުގައި ޙަރަކާތްތެރިވި ނެޓްވޯކްގެ އިސްފަރާތްތައް އައިޑެންޓިފައިކޮށް އެމަޢުލޫމާތު މިސަރވިސްގެ ފަރާތުން ވަނީ އަފްޣާން ފުލުހުންނާއި ޙިއްސާކޮށްފައެވެ.

ޢަލީ ޝާފިޢުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އަފްޣާނިސްތާނުގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން އެމައްސަލަ ތަޙްޤީޤުކޮށް، އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމަށްފަހު ޢަލީ ޝާފިޢުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 21 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާކަމަށް މިސަރވިސްއަށް މަޢުލޫމާތު ލިބިފައިވެއެވެ.

06 ރަބީޢުލްއާޚިރު 1441
03 ޑިސެމްބަރ 2019