ނޫސްބަޔާން ނަންބަރު:PMC/2019/19

ޤާނޫނީ ހަމަތަކާ ޚިލާފަށް އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނިކޮށްގެން ގެންގުޅޭކަމަށް މީޑިއާގައި ފެތުރެމުންދާ ޚަބަރާ ގުޅޭގޮތުން ދަންނަވަމެވެ.

އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތަޢުލީމާއި ސިއްޙީ ހައްޤުތަކުން މަހުރޫމު ކޮށްފައިވާކަމުގެ މަޢުލޫމާތު 2018 ޖޫން 6 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބިފައިވެއެވެ. އޭގެ ފަހުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އެ މައްސަލަ ތަޙްޤީޤުކޮށް، ގާތުން ބަލަމުން އަންނަ ކަމުގައި ދަންނަވަމެވެ. މި މައްސަލާގައި ހިމެނޭ އާއިލާ އަކީ ދީނުގެ ނަމުގަައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން ވަނީ ފާހަގަކުރެވިފައެވެ. އެކަމުގެ ސަބަބުން އެ އާއިލާއަށް ނިސްބަތްވާ ކުދިންނަށް އެކަށީގެންވާ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމާއި ސިއްޙީ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ހައްޤުން މަހުރޫމްވެފައިވާކަން ފާހަގަ ކުރެވި، އެކަންކަން ޙައްލުކޮށް، ކުދިންނަށް ފޯރުކޮށްދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ދަނީ ކުރަމުންނެވެ.

މި މައްސަލަ އާގުޅިގެން މިހާތަނަށް ތަޙްޤީޤަށް ހޯދިފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާ މި މައްސަލާގައި ހިމެނޭ ކުއްޖާ ގުޅިފައިވާކަން އެނގޭކަށް ނެތެވެ.

މި މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުން އަންނަ މައްސަލައެކެވެ. އަދި މިފަދަ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ މަޢުލޫމާތު އާންމުކުރުމުގައި އެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ހައްޤުތަކާއި މަސްލަޙަތަށް ރިޢާޔަތްކުރަން އިލްތިމާސްކުރަމެވެ.

އަދި ދަންނަވަމެވެ. އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނައަޅާދިއުމާއި އެކަމުގެ ސަބަބުން ކުޑަކުދިންގެ ހައްޤުތަކަށް އުނިކަން ލިބި ކުޑަކުދިން ކުށުގެ ޝިކާރައަކަށް ވެގެންދިއުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލާނެ މައްސަލައެއް ނޫނެވެ. އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ކުދިންނަށް އެކަށީގެންވާ ސަލާމަތާއި ރައްކަަތެރިކަން ފޯރުކޮށްދިނުމާއި އެފަދަ މައްސަލަތަކުގައި ހިމެނޭފަރާތްތަކަށް އަޅަންވާ ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ.

27 ރަބީޢުލްއައްވަލް 1441
24 ނޮވެމްބަރ 2019