ނޫސްބަޔާން ނަންބަރު:PMC/2019/18

މިފަހަކަށް އައިސް ‘ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ’ ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުން އިންތިޒާމްކޮށް ކުރިއަށް ގެންދިއުމާ އެފަދަ ބައެއް އެއްވުންތަކުގައި އެޤާނޫނާ ޚިލާފު ޢަމަލުތައް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާތީ ދަންނަވަމެވެ.

‘ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު’ ( ޤާނޫނު ނަމްބަރު: 2013/1 ) އާއި އަދި އެޤާނޫނަށް ގެނެވުނު އިސްލާޙު ( ޤާނޫނު ނަންބަރު: 2016/20 ) ގެ ދަށުން ލިބިދީފައިވާ އެއްވެ އުޅުމާ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިމުން ބޭރުން، އެއްވުން މަނާ ސަރަޙައްދުތަކަށް އެއްވުމާއި، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި އަދި އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހިނގާލުމާއި އުޅަނދުބުރު ބޭއްވުންފަދަ ކަންކަން އިންތިޒާމްކޮށް، ބާއްވަމުން ގެންދާކަމާއި އަދި އެފަދަ ބައެއް އެއްވުންތަކުގައި ޤާނޫނުން މަނާކޮށްފައިވާ ކަންކަން ކުރަމުން ގެންދާކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ޤާނޫނުގައި ބަޔާންކުރާފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެއްވުންތައް، ޤާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއްނެތި ބާއްވަން މަސައްކަތް ކުރާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

ޤާނޫނާ އެއްގޮތަށް، ސުލްޙަވެރިކަމާއެކު ބާއްވާ އެއްވުންތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމާ، އަދި އެފަދަ އެއްވުންތައް އޮންނަ ސަރަޙައްދެއްގެ މަގުތަކާ އެނޫންވެސް ތަންތަނުގެ ސަލާމަތީކަންކަން ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ މިސަރވިސްއިން ވަރަށް އިސްކަންދީގެން ކުރަމުން ގެންދާކަންކަން ކަމުގައި ދަންނަވަމެވެ. އެހެންކަމުން ‘ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުން’ ލިބިދޭ މިނިވަންކަން ބޭނުން ކުރުމުގައި ޤާނޫނީ އިމުގެ ތެރެއިން އެންމެހާ ކަންތައްތައް ކުރުމަށް، އެއްވުންތައް އިންތިޒާމްކުރާ ފަރާތްތަކަށާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް މިސަރވިސް އިން އިލްތިމާސް ކުރަމެވެ. އަދި ޤާނޫނާ ޚިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުޞަތު ނުދޭނެކަމަށާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ.

25 ޞަފަރު 1441
26 އޮކްޓޯބަރ 2019