ނޫސްބަޔާން ނަންބަރު:PMC/2019/17

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކްއިން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ނެރެފައިވާ ރިޕޯރޓުގައި އިސްލާމް ދީނާ ޚިލާފު ވާހަކަތައް ހުރިކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާ މުޙައްމަދުﷺ އަށް ފުރައްސާރަކޮށް ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ މުޙައްމަދުﷺ ގެ ހަދީޘްފުޅުތަކަށް ފާޑުކިޔާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ބަޔާންކޮށްފައި ހުރިކަމަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ދަންނަވަމެވެ.

އިސްވެ ދެންނެވިފައިވާ މައްސަލަ 2019 އޮކްޓޯބަރ 03 ވަނަ ދުވަހު ޢާއްމު ފަރާތްތަކުންނާއި މީޑިއާއިން މި ސަރވިސްގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން އެ ރިޕޯރޓާއި ގުޅޭގޮތުން މި ސަރވިސްއިން ތަޙްޤީޤް ހިންގުމަށް ނިންމައި އެކަމާއި ގުޅޭ މަޢުލޫމާތު ސާފުކުރަމުންދަނިކޮށް2019  އޮކްޓޯބަރ 03 ވަނަދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ފަރާތުން، އިސްވެދެންނެވި ރިޕޯރޓްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ މުޙައްމަދުﷺ އަށް ފުރައްސާރަކޮށްފައިވާ ވާހަކަ ހުރިކަމަށް ފާހަގަ ކުރައްވާ އެ މައްސަލަ މިސަރވިސްއަށް ހުށަހަޅުއްވާފައިވެއެވެ.

މި މައްސަލަ ހުށަހެޅުމާއި ގުޅިގެން މިފަދަ މައްސަލަތައް ތަޙްޤީޤްކުރުމުގައި އާންމުކޮށް ޢަމަލުކުރާ އިޖުރާޢަތުތަކާއި އެއްގޮތަށް މި ރިޕޯރޓުގައި ހުރި އިސްލާމީ ޢަޤީދާ އާއި އިސްލާމީ ޝަރީޢަތާއި ޚިލާފް ވާހަކަތަކާއި އިސްލާމްދީނާއި ކީރިތި ރަސޫލާ މުޙައްމަދުﷺ އަށް ފުރައްސާރަކޮށްފައި ހުރި ވާހަކަތައް ތަޙްޤީޤީ ބޭނުމަށްޓަކައި ދިރާސާކޮށް ބެލުމުގެ މަސައްކަތް މި ސަރވިސްއިން މިދަނީ ކުރަމުންނެވެ. މިގޮތުން މި މައްސަލަ އާއި ގުޅިގެން މިސަރވިސްއިން މިހާރު މިގެންދަނީ 3 ދީނީ ޢިލްމުވެރިން މެދުވެރިކޮށް ވަކިވަކިން މި ރިޕޯރޓާއި ގުޅޭ ޢިލްމީ ދިރާސާއެއްކޮށް ރިޕޯރޓުގައި ހުރި އިސްލާމީ ޢަޤީދާ އާއި އިސްލާމީ ޝަރީޢަތާއި ޚިލާފް ވަހާކަތަކާއި އިސްލާމްދީނަށް ތައުހީނުކުރުމާއި އިސްލާމްދީނާއި ކީރިތި ރަސޫލާ މުޙައްމަދުﷺ އަށް ފުރައްސާރަކޮށްފައިވާކަމަށް ބެލެވޭ ކޮންޓެންޓްގެ މައްޗަށް ޢިލްމީ ގޮތެއްގައި ތަފްސީލީ ދިރާސާ ރިޕޯރޓެއް ތައްޔާރުކުރަމުންނެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ފަރާތުންވެސް މި ރިޕޯރޓާއި ގުޅޭ ޢިލްމީ ދިރާސާއެއް ފުލުހުންނަށް ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ.

މި މައްސަލަ ހުށަހެޅުނު އިރު މި ރިޕޯރޓުގެ މުޞައްނިފުންގެ ގޮތުގައި ބަޔާންކޮށްފައިވާ، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިބުމުން އެމީހުން ތަޙްޤީޤަށް ހާޒިރުކުރުމަށާއި މައްސަލައާއި ގުޅިގެން ތަޙްޤީޤްގައި ސުވާލުކުރުމުގެ މަސައްކަތް މި ސަރވިސްއިން މިގެންދަނީ ކުރަމުންނެވެ. މިގޮތުން ބައެއް ފަރާތްތަކަށް ތަޙްޤީޤަށް ހާޒިރުވުމަށް ޗިޓް ފޮނުވިފައިވާއިރު، އުޅޭ ވަކި ތަނެއް ނޭގުމުގެ ސަބަބުން ޗިޓް ރައްދުކުރެވިފައިވާ ނުވާ ފަރާތްތައް ތަޙްޤީޤަށް ހާޒިރުވުމަށް ޢާންމުކޮށް އިޢުލާނުކޮށްގެން ވަނީ އެންގިފައެވެ.

އަދި މި މައްސަލަ އާއި ގުޅިގެން ތަޙްޤީޤަށް މަޢުލޫމާތު ދެވިދާނެކަމަށް ބެލެވޭ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކްގައި މި ރިޕޯރޓް ތައްޔާރުކުރި ދުވަސްވަރު މަސައްކަތް ކުރެއްވި ފަރާތްތަކާއި، މި މައްސަލަ އާއި ގުޅުންހުރި މަޢުލޫމާތު ހުރި އެކިއެކި ފަރާތްތަކާއި މިގެންދަނީ ތަޙްޤީޤްގައި ސުވާލުކުރަމުންނެވެ.

މި މައްސަލައަކީ ދިވެހިރައްޔިތުންގެ އެންމެ މަތީ މަސްލަޙަތާއި ގުޅިފައިވާ ރައްޔިތުންގެ އިޙްސާސްތަކާއި ގުޅުންހުރި މައްސަލައެއްކަމަށްވުމުން، ބައެއް ފަރާތްތަކުން މި މައްސަލައިގެ ބޭނުން ނަހަމަގޮތުގައި ކޮށް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާފަދަ ކަންކަން ކުރަމުން އަންނަކަން ދަނީ ފާހަގަކުރެވެމުންނެވެ. ޚާއްސަކޮށް ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފްރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭފަދަ ވާހަކަ ފެތުރުމާއި، ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަން ދައްކައި ފިތުނަވެރި ޢަމަލުތަކަށް ހިއްވަރު ލިބޭގޮތަށް ޢަމަލުކުރަމުންދާކަމީ މި ސަރވިސްއިން ނުހަނު ކަންބޮޑުވާކަމެކެވެ.

ވަކިން ޚާއްސަކޮށް އާންމު ތަންތަނުގައި މީސްމީހުންގެ ފުރާނަ އާއި ނަފްސަށް ގެއްލުންދިނުމަށް ގޮވާލާ އަނިޔާވެރި ޢަމަލުތަކަށް ހިއްވަރު ލިބޭގޮތަށް ސޯޝަލް މީޑިއާގައި ލިޔުމާއި ކުރެހުމާއި ފޮޓޯ އާންމުކޮށް ހަދަމުންދާކަން ދަނީ ފާހަގަކުރެވިފައެވެ. މިފަދަ ޢަމަލުތައް ތަކުރާރު ނުކުރުމަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށް މި ސަރވިސްއިން އިލްތިމާސްކުރަމެވެ. އަދި ޤައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އެންމެހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރުމަށާއި ޤާނޫނާއި ޚިލާފް ޢަމަލުތައް ހުއްޓުވާ ރައްޔިތުންގެ ނަފްސާއި މުދާ ރައްކާތެރިކުރުމުގައި މި ސަރވިސް އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކުން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ޝާއިޢުކުރި ރިޕޯރޓުގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ޚިލާފު ވާހަކަދައްކާ، އާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފް އުފެދޭ ބާވަތުގެ ވާހަކަތައް ހުރި މައްސަލަ އާއި ގުޅިގެން އެކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ވާހަކަ އަދިވެސް އެއްފަހަރު ދަންނަވަމެވެ. އަދި މި ސަރވިސްއިން މި ފަންނުގެ ތަޖުރިބާކާރު ޢިލްމުވެރިންގެ ލަފަޔާއި އިރުޝާދާއެކު އެކުލަވާލެވޭ ދިރާސާ ރިޕޯރޓު ނިމުމުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކްއިން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ނެރެފައިވާ ރިޕޯރޓާއި ގުޅިގެން އިދާރީ ގޮތުން ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމުގައި ދަންނަވަމެވެ.

21 ޞަފަރު 1441
20 އޮކްޓޯބަރ 2019