ނޫސްބަޔާން ނަންބަރު:PMC/2019/16

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓް ގާރޑް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމެންޓް ޑިޕާރޓްމަންޓް އަދި ޑްރަގް އިންޓެލިޖެންސް ގުޅިގެން 2019 އޮކްޓޯބަރ 01 އިން ފެށިގެން ކަނޑުމަތީގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު އެ މަސައްކަތުގައި ހަރަކާތްތެރިވި ބޯޓާއި، އެކަމުގައި ހަރަކާތްތެރިވަމުންދިޔަ ރާއްޖޭގެ ދޯންޏެއް ވަނީ ކޯސްޓް ގާރޑްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި ބޯޓު ކޯސްޓް ގާރޑްގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުުންނެވެ. މި ބޯޓު ރާއްޖެއާ ކައިރި ސަރަހައްދަކަށް އަންނަ ކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޑްރަގް އިންޓެލްޖެންސްއަށް ލިބުމާ ގުޅިގެން ކުރެވުނު މަސައްކަތުން، މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ހަރަކާތްތެރިވަމުންގެންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި މަޢުލޫމާތު ލިބުމުން، ކޯސްޓް ގާރޑް އާއި ޑްރަގް އެންފޯސްމެންޓް ޑިޕާރޓްމަންޓްގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި، ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި ހަރަކާތްތެރިވި ބޭރުގެ ބޯޓަކާއި، ރާއްޖޭގެ އުޅަނދެއް ކަމުގައިވާ “ހެދޭކުރި -7” ނަމަކަށް ކިޔާ ދޯންޏެއް ކޯސްޓް ގާރޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

މި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހިފެހެއްޓުނު ބޯޓުގައި، މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު، އައިޑެންޓިފިކޭޝަން ނެތް 6 މީހަކު ހިފެހެއްޓިފައިވެއެވެ. އަދި މި އޮޕަރޭޝަންގައި ހިފެހެއްޓުނު ދޯނިން ދިވެހި 2 ފިރިހެނުންނާއި ބަނގްލަދޭޝްގެ 2 ފިރިހެނުން ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

މި އޮޕަރޭޝަންގައި ހިފެހެއްޓުނު ބޯޓު އަދި ދޯނިވެސް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ލަފާ ކުރެވޭ ގޮތުގައި މިރޭގެ ވަގުތެއްގައި މި އުޅަނދުތައް ދޫނިދޫއަށް ގެނެވޭނެކަމަށް ބެލެވެއެވެ.

08 ޞަފަރު 1441
07 އޮކްޓޯބަރ 2019