ނޫސްބަޔާން ނަންބަރު:PMC/2019/15

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވަރކް އިން ’ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް‘ ގެ ނަމުގައި ނެރެފައިވާ ރިޕޯރޓުގައި އިސްލާމް ދީނާ ޚިލާފު ވާހަކަތައް ހުރިކަމަށާއި އިސްލާމް ދީނާއި ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށް ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ޙަދީޘްފުޅުތަކަށް ފާޑުކިޔާފައިވާކަމަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ.

އިސްވެ ދެންނެވިފައިވާ މައްސަލަ 2019 އޮކްޓޯބަރ 03 ވަނަ ދުވަހު އާއްމުފަރާތްތަކުން މި ސަރވިސްގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން އެ ރިޕޯޓާ ގުޅޭގޮތުން މި ސަރވިސްއިން ތަޙްޤީޤެއް ހިންގުމަށް ނިންމައި ކަމާ ގުޅޭ މަޢުލޫމާތު ސާފުކުރަމުން ދަނިކޮށް، 2019 އޮކްޓޯބަރ 03 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން، އިސްވެދެންނެވި ރިޕޯރޓުގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށްފައިވާ ވާހަކަ ހުރިކަމަށް ފާހަގަ ކުރައްވައި އެ މައްސަލަ މި ސަރވިސްއަށް ހުށަހަޅުއްވާފައިވެއެވެ.

އިސްލާމް ދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި އިސްލާމީ ޢަޤީދާ އާއި ދީނުގެ އަސާސްތަކަށް ފާޑުކިޔުމާއި ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށް ފުރައްސާރަކުރުން ފަދަ އިސްލާމް ދީނާ އިދިކޮޅު ޢަމަލުތަކަކީ މި ސަރވިސްއިން ސީރިޔަސް މައްސަލަތަކުގެ ގޮތުގައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދީގެން ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެކެވެ.

މިފަދަ އެހެން މައްސަލަތަކެކޭ އެއްފަދައިން، މި މައްސަލައާ ގުޅިގެންވެސް ފުރިހަމަ ތަޙްޤީޤެއް ހިންގައި ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމުގައި ދަންނަވަމެވެ. އަދި މި މިމައްސަލަ ތަޙްޤީޤްކުރަން ފެށުމަށްފަހު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވަރކް އާމެދު މިފަދަ ޝަކުވާތަކެއް މި ސަރވިސްއަށް ހުށަހެޅި ތަޙްޤީޤް ހިނގަމުންދާކަން ދަޢުލަތުގެ ކަމާބެހޭ އެހެން އިދާރާތަކަށްވެސް ވާނީ ހިއްސާކުރެވިފައެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި އިސްލާމް ދީނާ އިދިކޮޅު ޢަމަލުތަކާ ގުޅޭ މައްސަލަތަކަކީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަޙަތާ ގުޅިފައިވާ އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާ ގުޅުން ހުރި މައްސަލައެއްކަމަށްވާތީ، އެފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ތުހުމަތުކުރެވިއްޖެ ހިނދެއްގައިވެސް ޤާނޫނީގޮތުން އެފަރާތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކަމާބެހޭ ފަރާތްތަކުގެ މަސްޢޫލިއްޔަތަކަށްވީހިނދު އެފަދަ ޢަމަލަކާ ގުޅިގެންވެސް މުޖްތަމަޢުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަމަށް ބުރޫއަރާފަދަ އެއްވެސްކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް މި ސަރވިސްއިން އިލްތިމާސްކުރަމެވެ.

ޚާއްސަކޮށް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުމާއި ނަފްރަތު އުފެދޭފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށާއި ދިވެހި ރައްޔިތުންގެ ދީނީ އަދި ޤައުމީ ވަޙްދަތާއި އެއްބައިވަންތަކަމާއި، ނިޒާމު ޢާންމު ގެއްލޭފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ދަންނަވަމެވެ. މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި މިސަރވިސްއިން އެއްވެސް ފަސްޖެހުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

06 ޞަފަރު 1441
05 އޮކްޓޯބަރ 2019