ނޫސްބަޔާން ނަންބަރު:PMC/2019/14

ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފުލުހުން ފާރަލަމުންދާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމް.އެން.ޑީ.އެފް) އިން ބުނާކަމަށް ދެކެވެމުންދާ ވާހަކައާއި ގުޅޭގޮތުން ދަންނަވަމެވެ.

ސެކިއުރިޓީ ބެލެހެއްޓުން ޤާނޫނީގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާއި ގުޅޭގޮތުން އެމް.އެން.ޑީ.އެފް އާއި ވިލަރެސްކޮށްގެން ކުރަންޖެހޭ ކަންކަން މި ސަރވިސްއިން ދަނީ ކުރަމުންނެވެ. އެގޮތަށް މަސައްކަތްކުރާއިރު މަސައްކަތްކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބެލުމަށްފަހުގައެވެ. މިވަގުތު ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ނުރައްކަލެއް އޮތްކަމަށް މި ސަރވިސްއަށް ފާހަގަކުރެވިފައެއް ނުވެއެވެ. އަދި މިފަދަ މައްސަލައެއް ހުށަހެޅިފައެއްވެސް ނުވެއެވެ. އެހެންނަމަވެސް، އާއިލާގެ ފަރާތުން ނުވަތަ އެހެން ފަރާތަކުންވިޔަސް ސޯޝަލް މީޑިއާ ނުވަތަ އެހެންވެސް ގޮތަކުން ނުރައްކަލެއް އޮތްކަމަށް ފާހަގަކުރާނަމަ އެ މަޢުލޫމާތު ވަޒަންކުރުމަށްފަހު އަޅަންޖެހޭ އެންމެހައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން ދާނެ ކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް ދެމެވެ.

10 މުޙައްރަމް 1441
09 ސެޕްޓެމްބަރ 2019