ނޫސްބަޔާން ނަންބަރު:PMC/2019/13

 ރައީސުލްޖުމްހުރިއްޔާގެ ޤަރާރު ނަންބަރު: 13/2018 ން އުފައްދަވާފައިވާ ‘މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން’ 1 ސެޕްޓެމްބަރ 2019 ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި މ.ޝައިނިންގސްޓާރ އަޙްމަދު ރިޟްވާނު ޢަބްދުﷲ މަރާލުމާއި ގުޅޭގޮތުން ހާމަކުރި ކަންކަމާއި ގުޅޭގޮތުން ދަންނަވަމެވެ.

އެ ކޮމިޝަންގެ ތަޙްޤީޤުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބައެއް ފުލުހުންގެ އިހުމާލު ފާހަގަކޮށްފައިވާތީ އެފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އަޅާދިނުމަށް 5 ސެޕްޓެމްބަރ 2019 ދުވަހު 19:08 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ  32-A4-BU/171/2019/119  ނަންބަރު  ސިޓީއިން ވަނީ މި ސާރވިސްގައި އެދިފައެވެ. މިގޮތުން، އެޓަރނީ ޖެނެރަލްގެ އޮފީހުން މި ސަރވިސްގެ އިންޓެލިޖެންސްގައި ކުރިން މަސައްކަތްކުރި ދެ ފުލުހުންކަމަށްވާ މުޙައްމަދު ޖިނާޙު އާއި އިބްރާހިމް ރިފްޢަތުގެ މައްސަލަ ބަލާ ތަޙްޤީޤު ކުރުމަށްވަނީ އެދިފައެވެ. އަދި މިތަޙްޤީޤު ކުރާއިރު މި މުވައްޒަފުން މުޖުތަމަޢުއަށް ދޫވެފައި ތިބުމަކީ މިމައްސަލައިގައި މިނިވަން ތަޙްޤީޤެއް ހިންގުމަށް ހުރަސްއެޅިދާނެ ކަމެއްކަމަށް ފެންނާތީ އެ ދެ ފުލުހުން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުގައި އެދުމަށްވެސް ވަނީ ދަންނަވާފައެވެ. އަދި މި މައްސަލަ އާއި ގުޅޭގޮތުން އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ ޕާސްޕޯޓު ހޯދުމާއި ގުޅޭގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކާރނަލް ޢަބްދުއްރައޫފް، މ.ސާމަރާ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި މުޢާމަލާތްކޮށްފައިވާތީ، ކާރނަލް ޢަބްދުއްރައޫފްގެ މައްސަލަ ބަލާ ތަޙްޤީޤު ކުރުމަށްވެސް ލަފާދެއްވާފައިވެއެވެ. މިމައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޑްރާފްޓް ރިޕޯޓާއި އަދި ކޮމިޝަނުން ހޯދާފައިވާ މަޢުލޫމާތުތައް މިސަރވިސްއަށް ހިއްސާކޮށްދެއްވުމަށް ވަނީ ދެންނެވިފައެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން މިގޮތަށް އެދުމުގެ ކުރިންވެސް މި ސާރވިސްއިން ވަނީ މ.ޝައިނިންގސްޓާރ އަޙްމަދު ރިޟްވާނު ޢަބްދުﷲ ގެ މައްސަލަ އާއި ގުޅޭގޮތުން މުޙައްމަދު ޖިނާޙު އާއި އިބްރާހިމް ރިފްޢަތުގެ މައްސަލަ އިދާރީ މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކުރަން ފަށާފައެވެ. އަދި 05 ސެޕްޓެމްބަރ 2019 ވަނަ ދުވަހު އެ ދެ ފުލުހުންވަނީ ވަޒީފާގެ މަސްޢޫލިއްޔަތުން ދުރު ކުރެވިފައެވެ. މިއާއިއެކު، މި ސާރވިސްގައި މުވައްޒަފުންގެ އިދާރީ މައްސަލަތައް ބަލާ ތަޙްޤީޤުކުރަން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މައްސަލަ ބަލާ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހެޅުމަށްދަނީ ތައްޔާރުވަމުންނެވެ. އަދި ހަމަމިއާއި އެކު މ.ޝައިނިންގސްޓާރ އަޙްމަދު ރިޟްވާނު ޢަބްދުﷲ އާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިންޓެލިޖެންސްއިން މީގެ ކުރިން ހިންގާފައިވާ އޮޕަރޭޝަންސްތަކާއި ގުޅޭ ކަންކަން މިދަނީ އިތުރަށް ބަލާ ތަޙްޤީޤު ކުރަމުންނެވެ.

މ.ޝައިނިންގސްޓާރ އަޙްމަދު ރިޟްވާނު ޢަބްދުﷲގެ މައްސަލައާއި ގުޅޭގޮތުން 05 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 23:00 ހާއިރު ‘މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން’ ވެސް މި ސަރވިސްއަށް ފޮނުއްވާފައިވާ ސިޓީއެއް ވަނީ ލިބިފައެވެ. އެކޮމިޝަންގެ I-CDD/171/2019/79 ނަންބަރު ސިޓީއިން މި ސާރވިސްއަށް ލަފާދެއްވާފައިވަނީ މި ސަރވިސްގެ ކުރީގެ ދެ އިންޓެލިޖެންސް އޮފިސަރުންކަމަށްވާ މުޙައްމަދު ޖިނާޙު އާއި އިބްރާހިމް ރިފްޢަތުގެ މައްސަލަ އިތުރަށް ތަޙްޤީޤު ކުރުމަށެވެ. އަދި މި ސާރވިސްގެ އޮފިސަރެއްކަމުގައިވާ މުޙައްމަދު ފަޔާޟް އިސްމާއިލް އެ ކޮމިޝަނަށް ދިން ބަޔާނުގައި ފުށުއެރުންތަކެއް ހުރުމުން އެކަންވެސް އިތުރަށް ތަޙްޤީޤު ކުރުމަށް އެދިފައިވެއެވެ. ހަމައެއާއިއެކު، އެ ކޮމިޝަންގެ ޑްރާފްޓު ރިޕޯޓުގައި މި ސާރވިސްގެ ދެ ފުލުހުންކަމަށްވާ އިބްރާހިމް ޚަލީލް އާއި އަޙްމަދު ހަމީދު ޢަބްދުއްރަހީމްގެ ނަން ފާހަގަކޮށްފައިވަނީ އެފަރާތްތަކަކީ އެ ކޮމިޝަންއަށް ބަޔާންދެއްވި ފަރާތްތަކެއްކަމަށްވާތީކަމަށް އަންގާފައިވެއެވެ. އަދި އިބްރާހިމް ޚަލީލް އާއި އަޙްމަދު ހަމީދު ޢަބްދުއްރަހީމްގެ އެއްވެސް މައްސަލައެއް އޮތްކަމަށް އެ ކޮމިޝަނަށް ފާހަގަ ނުކުރެވޭކަމަށް ވަނީ އަންގާފައެވެ.

އިސްވެ ދެންނެވިަފއިވާ ދެ ސިޓީ ލިބުމާއި ގުޅިގެން މ.ޝައިނިގސްޓާރ އަޙްމަދު ރިޟްވާން ޢަބްދުﷲ މާރާލި މައްސަލައަކީ މިހާރުވެސް ‘މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން’ ތަޙްޤީޤުކުރަމުންދާ އެކޮމިޝަންގެ ޚާއްސަ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ޖިނާޢީ މައްސަލައަކަށްވާތީ އާއި މަތީގައި ބަޔާންކުރެވުނު މި ސަރވިސްގެ މުވައްޒަފުންގެ ބައިވެސް ހިމެނޭ ގޮތުން އެ ކޮމިޝަނުން ކުރެވުނު ޖިނާޢީ ތަޙްޤީޤުން ހެއްކާއި ޤާރީނާތައް ހޯދައި މަޢުލޫމާތު އާންމުކޮށްފައިވާ މައްސަލައަކަށްވާތީ އެ މައްސަލައާއި ގުޅިގެން ޖިނާޢީ އިޖުރާޢަތުތަކެއް މި ސަރވިސްއިން އަލުން ހިންގުމުގެ ކުރިން މި ސަރވިސްގެ ފަރާތުންވަނީ 05 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ ރޭ ‘މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނާއި’ ފޯނުން މަޝްވަރާކޮށްފައެވެ. މިގޮތުން ކުރެވުނު މަޝްވަރާގައި އެކޮމިޝަންގެ ފަރާތުން މި ސަރވިސްއަށް މަޢުލޫމާތު ދެއްވާފައިވަނީ ކުރީގެ ބައްދަަލުވުންތަކުގައި ވެސް ފާހަގަކޮށްފައިވާ ފަދައިން އެ ކޮމިޝަނުން މިހާތަނަށް ފާހަގަކޮށްފައިވާ ފުލުހުންގެ މައްޗަށް ޖިނާޢީ ދަޢުވާ ކުރެވޭފަދަ ހެކިތަކެއް ލިބިފައިނުވާތީ އެ މައްސަލައާއި ގުޅިގެން މަތީގައި ބަޔާންކޮށްފައިވާ ދެ ފުލުހުން ހައްޔަރުކުރަންޖެހޭ ފަދަ ޤާނޫނީ ސަބަބުތަކެއް އޮތްކަމަށް ނުދެކޭކަމަށާއި ނަމަވެސް އެ ފުލުހުންނާއި މެދު އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މި ސަރވިސްގެ ފަރާތުން އެ ފުލުހުންގެ މައްސަލަ ތަޙްޤީޤުކުރުމަށް ފެންނަކަމަށެވެ.

މި ސަރވިސްއިން ކުރިންވެސް އާންމުކޮށްފައިވާނެ ފަދައިން ‘މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަން’ އުފެއްދެވި ދުވަހުން ފެށިގެން މި ސަރވިސްއިން މިއަންނަނީ އެ ކޮމިޝަންއަށް ފުރިހަމައަށް އެއްބާރުލުންދީ މި ސަރވިސްގައި ހުރި މ.ޝައިނިންގސްޓާރ އަޙްމަދު ރިޟްވާނު ޢަބްދުﷲ ގެ މައްސަލަ އާއި ގުޅޭހުރިހާ މަޢުލޫމާތެއް އަދި ޑޮކިއުމަންޓެއް ހިއްސާކުރަމުންނެވެ. މި ސަރވިސްއިން ކޮށްދޭން އެ ކޮމިޝަންއިން އެދިވަޑައިގެންނެވި އެއްވެސް ކަމެއް ކޮށްނުދީގެން ކޮމިޝަނުގެ ތަޙްޤީޤަށް އެއްވެސް ދަށްޗެއް ނުވާކަމަށާއި އަދި ކޮމިޝަންގެ ތަޙްޤީޤަށް މި ސަރވިސްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް ޤަބޫލު ކުރައްވާކަމަށް ކޮމިޝަނުން ވިދާޅުވެފައިވެއެވ އަދި މ.ޝައިނިންގސްޓާރ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައްސަލަ އާއި ގުޅޭގޮތުން ‘މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން’ 1 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި މަޢުލޫމާތު ހިމެނޭ ޑްރާފްޓު ރިޕޯރޓު މި ސަރވިސްއަށް ހިއްސާކޮށްދެއްވުން އެދި ވާނީ ދަންނަވާފައެވެ. އަދި އެ ރިޕޯރޓް ލިބުމުން ރިޕޯރޓުގައި ފާހަގަކުރައްވާފައިވާ މި ސަރވިސްއާއި ގުޅޭ ކަންކަމުގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނަމެވެ.

07 މުޙައްރަމް 1441
06 ސެޕްޓެމްބަރ 2019