ނޫސްބަޔާން ނަންބަރު:PMC/2019/12

“މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަން” އިން ތަޙްޤީޤް ކުރަމުންދާ މ.ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލަ ތަޙްޤީޤްކޮށް އާންމުކޮށްފައިވާ މަޢުލޫމާތާ ގުޅިގެން ދަންނަވަމެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަން އުފެއްދުމާއެކު އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައާއި ގުޅިގެން މިސަރވިސްގެ ތަޙްޤީޤަށް އެއްކުރެވިފައި ހުރި ހުރިހާ ހެއްކާއި ޤަރީނާ އަދި މަޢުލޫމާތު މި ސަރވިސްއިން ވާނީ އެ ކޮމިޝަނާއި ހިއްސާކޮށްފައެވެ. އަދި އެ މައްސަލައާއި ގުޅިގެން އެ ކޮމިޝަނުން ކުރަމުން އަންނަ ތަޙްޤީޤަށް މިސަރވިސް މެދުވެރިކޮށް އިތުރަށް ހޯދަން ބޭނުންވާ މަޢުލޫމާތާއި ސާފުކުރަން ބޭނުންވާ ކަންކަމާއި އަދި އޮޕަރޭޝަނަލް އެހީތެރިކަން މިސަރވިސްއިން މިދަނީ ފޯރުކޮށްދެމުންނެވެ.

2019  ސެޕްޓެމްބަރ 1 ވަނަ ދުވަހު މ.ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައިގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުން އާންމުކުރި މަޢުލޫމާތުގެ ތެރޭގައި ދެ ފުލަހަކާއި ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ފަރާތްތަކުގެ މައްސަލަ މި ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އިތުރަށް ތަޙްޤީޤްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގައި ދަންނަވަމެވެ. އަދި މި މައްސަލަ ކޮމިޝަނުން ތަޙްޤީޤްކޮށް ނިންމާ، މި މައްސަލައިގެ ތަޙްޤީޤް ރިޕޯރޓް މި ސަރވިސްއަށް ހަވާލުކުރުމުން މިސަރވިސްގެ މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ޖިނާޢީ ކުށެއް އޮތްކަމަށް ފެނިއްޖެނަމަ އެފަރާތަކާއި މެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް އަރުވަމެވެ. އެ ކޮމިޝަނަށް މި މައްސަލައިގެ ތަޙްޤީޤުން ފާހަގަކުރެވުނު ކަންކަމުގެތެރެއިން ފުލުހުން އިތުރަށް ތަޙްޤީޤް ކުރަންވީ ކަންކަމާއި ގުޅޭގޮތުން މިއަދު މި ސަރވިސްއިން ވާނީ ކޮމިޝަނުގެ މެންބަރުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އަދި އެ ކޮމިޝަނުގެ މަސައްކަތްތަކަށް ކުރިއަށް އޮތްތަނުގައިވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވާނީ ދަންނަވާފައެވެ.

އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައާއި ގުޅިގެން އަޙްމަދު ރިޟްވާން ޢަބްދުﷲގެ އާއިލާއާއި އެކުވެރީން ކުރަމުންދާ ހިތާމައިގައި މި ސަރވިސްއިން ވެސް ބައިވެރިވާކަމުގައި ދަންނަވަމެވެ. އަދި އަޙްމަދު ރިޟްވާން ޢަބްދުﷲ އަށް އިންސާފު ހޯދައިދިނުމުގައި އަޙްމަދު ރިޟްވާން ޢަބްދުﷲގެ އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކުން އުންމީދުކުރި ފަދަ ޚިދުމަތެއް މި ސަރވިސްއަށް ފޯރުކޮށްދެވިފައިނުވާތީ މި ސަރވިސްއިން އެކަމާ ހިތާމަކުރަމެވެ.

03 މުޙައްރަމް 1441
02 ސެޕްޓެމްބަރ 2019