ނޫސްބަޔާން ނަންބަރު:PMC/2019/10

2019 ޖުލައި 08 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އިތުރުފުޅު ހައްދަވާފައިވާކަމަށް ބުނެ ބައެއް ފާރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅޭ ގޮތުން ދަންނަވަމެވެ. ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީ ހުކުމަށް ފިލައިގެން އުޅުނުއިރު އޭނާ ހައްޔަރުކޮށްގެން މާލެ ގެނެވިފައި ނުވާ ސަބަބާއި ފުލުހުން އެކަމުގައި ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެމަސައްކަތްތަކާ ގުޅޭގޮތުން ފެންނަންހުރި ރެކޯޑްތަކުގެ މައްޗަށް ބިނާކޮށް ޕޮލިސް ސަރވިސްއިން އަރުވާފައިވާ މަޢުލޫމާތާ އެއްގޮތަށް މިނިސްޓަރ އިމްރާން ޢަބްދުﷲ ދައްކަވާފައިވާ ވާހަކަފުޅުތަކެކެވެ.

ހުކުމް ތަންފީޛުކުރަމުން ދަނިކޮށް ޢަބްދުﷲ ލުތުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލުމާ ގުޅިގެން، ފާއިތުވެދިޔަ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް މަޤާމުތަކާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ މަޤާމު އަދާކުރެއްވި ފަރާތްތަކުން ޢަބްދުﷲ ލުތުފީ ހޯދައި ހައްޔަރުކޮށްގެން އަނބުރާ ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން، އެ މަސައްކަތްތަކުގެ ތަފްސީލް ރެކޯޑްތަކާއި އެމަސައްކަތާ ގުޅޭގޮތުން ނިންމުނު ނިންމުންތައް އެމަސައްކަތް ހިންގަމުން ދިޔަ ޑިޕާޓްމެންޓްގައި ލޮގްކޮށް ރައްކާކުރެވިފައިވެއެވެ. އަދި އެމަސައްކަތުގައި ނިންމި ބައެއް ނިންމުންތައް ނިންމި އިރު ހާޒިރުވެ ތިބި އޮފިސަރުން މިވަގުތުވެސް މިސަރވިސްގައި ޚިދުމަތްކުރަމުންދާތީ އެމަސައްކަތާ ގުޅޭ ގޮތުން އިތުބާރު ހިފޭފަދަ މަޢުލޫމާތު މިވަގުތުވެސް މިސަރވިސްގައި ހުރިކަން އެންމެހާ ފަރާތްތަކަށް ޔަގީންކޮށް އަރުވަމެވެ.