ނޫސްބަޔާން ނަންބަރު:PMC/2019/09

މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން 2019 ޖުލައި 05 ވަނަ ދުވަހުގެރޭ ގާތްގަނޑަކަށް 19:35 ހާއިރު ހިންގި އޮޕަރޭޝަނުގައި މ.އުޖާލާގެ ބަލާފާސްކޮށްފައިވެއެވެ. މި ގެ ބަލާފާސްކުރިއިރު އެ ގެއަށް އައި 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ވަނީ މަސްތުވާތަކެއްޗާއިއެކު އެގޭތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި އެގޭގައި ދިރިއުޅޭ 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ އޭނާ ހުރި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ފުއްމާލައިގެން ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާގެ ފަހަތުން ދުވެފައިގޮސް މަގުމަތިން އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ. މި އޮޕަރޭޝަންގައި މ.އުޖާލާގެއިންވަނީ ގާތްގަނޑަކަށް 461 ގްރާމްގެ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި އަތުލައިގަނެފައެވެ.

މި އޮޕަރޭޝަން ހިންގުމުގެ ތެރޭގައި ތުހުމަތުކުރެވޭ ބަންގްލަދޭޝް މީހާ ގައިގަ ތަޅާ އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމުވެފައިވާތީ، އެ ފަދަ ޢަމަލުތަކަކީ ދިވެހި ފުލުހުންގެ ‘ކޯޑް އޮފް އެތިކްސް’ އަދި ‘ކޯޑް އޮފް ކޮންޑަކްޓް’ އާއި ޚިލާފު ޢަމަލުތަކެއްކަމުން، ހާދިޘާ ހިނގި ރޭ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ އެކަން ތަޙްޤީޤުކުރުމަށް މި ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް އަންގަވާފައެވެ. މި ތަޙްޤީޤާއި ގުޅިގެން ހަތް މުވައްޒަފަކު މިހާރުވަނީ ވަޒީފާއިން ސަސްޕެންޑް ކުރެވިފައެވެ. މީގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ވެސް މި މައްސަލަ ބައްލަވައިދެއްވުން އެދި ދަންނަވާފައެވެ. އަދި މިމައްސަލައިގައި ޖިނާޢީ ތަޙްޤީޤެއް ހިނގުމަށް މިހާރުވަނީ ޚާއްސަ ޓީމްއެއް އެކުލަވާލާ އެމަސައްކަތް ހަވާލު ކުރެވިފައެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑް އާއި މިނިވަން މުއައްސަސާތަކުން މި މައްސަލަ ތަޙްޤީޤުކުރަމުން ދަނިކޮށް، އެ ޢަމަލުތައް ހިންގީ ވަކި ބައެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މުވައްޒަފުންތަކެއްގެ ފޮޓޯޖަހާ، އެ މުވައްޒަފުންނަށް އެކި ގޮތްގޮތުން އިންޒާރުދީ، ބިރުދައްކަމުންދާތީ، ސައްޚަ ނޫން މަޢުލޫމާތު މިފަދަ ގޮތްގޮތަށް ދައުރު ނުކުރެއްވުމަށް މި ސަރވިސްއިން އިލްތިމާސް ކުރަމެވެ. އަދި މި އޮޕަރޭޝަންގައި ހައްޔަރުކުރި 2 މީހުން ޑޮކްޓަރަށް ދައްކައި އެމީހުންނަށް ފަރުވާ ދީފައިވެއެވެ. ނަމަވެސް، މި އޮޕަރޭޝަންގައި ފުލުހުން ކޮށްފައިވާ އަނިޔާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ މިހާދިޘާއާއި ގުޅުންހުރި ފޮޓޯތަކެއް ނޫންކަން ދަންނަވަމެވެ.

ދިވެހި ފުލުހުންގެ ފަރާތުން، ފުލުހުންގެ ‘ކޯޑް އޮފް އެތިކްސް’ އާއި ‘ކޯޑް އޮފް ކޮންޑަކްޓް’ އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފުވާފަދަ ކަންކަން ހިނގިޔަ ނުދިނުމަށްޓަކައި މި ސަރވިސްއިން އަޅަންޖެހޭ ފިޔަފަޅުތައް އަޅަމުންގެންދާނެކަމުގެ ޔަޤީންކަން އަރުވަމެވެ. މިގޮތުން، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ރަނގަޅު ކުރުމަށްޓަކައި މި ސަރވިސްގެ ސްޓްރެޓީޖިކް ޕްލޭންގެ ތެރެއިންވެސް ގިނަގުނަ މަސައްކަތްތައް މިދަނީ ރާވާ ހިންގަމުންނެވެ. އަދި ދިވެހިރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށްޓަކައި ދިވެހި ފުލުހުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ކެނޑިނޭޅި ކުރަމުންދާނެކަމުގެ ޔަގީންކަންވެސް އަރުވަމެވެ.