ނޫސްބަޔާން ނަންބަރު:PMC/2019/08

1988 ވަނަ އަހަރު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާ އާއި ގުޅިގެން ހ.ހާޖަރާގެ ޢަބްދުﷲ ލުތުފީ ގެ މައްޗަށް ކޮށްފައިވާ 25 އަހަރުގެ ޖަލު ހުކުމް ތަންފީޛް ކުރަމުންދަނިކޮށް 2010 ޖެނުއަރީ 16 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސަރުކާރުގެ ހުއްދަ އާއިއެކު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ފުރާފައިވެއެވެ. އަދި އެއަށްފަހު އޭނާ ވަނީ އެނބުރި ނައިސް ފިލާފައެވެ. މިކަމާއި ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ‘އިންޓަރޕޯލް’ މެދުވެރިކޮށް ޢަބްދުﷲ ލުތުފީ ހޯދުމަށް ‘ރެޑް ނޯޓިސް’ އެއް ނެރެފައެވެ. މިހެން މިކަން ހިނގާފައިވަނިކޮށް، 2019 މެއި 1 ވަނަ ދުވަހު ޢަބްދުﷲ ލުތުފީ ވަނީ އަމިއްލައަށް ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހާޒިރުވެ އޭނާ އެނބުރި ރާއްޖެ އައިސް ހުކުމް ތަންފީޛުކުރަން ބޭނުންވާކަމަށް ބުނެފައެވެ. މި ކަމާއި ގުޅިގެން، އެ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން، ސްރީ ލަންކާގެ އެއްވެސް އިދާރާއަކުން ޢަބްދުﷲ ލުތުފީގެ މައްސަލައެއް ބަލަމުން ދޭތޯ އާއި އޭނާއަކީ ގިނަ ދުވަސްތަކެއްވަންދެން ސްރީ ލަންކާގައި ޤަވާޢިދާއި ޚިލާފަށް އުޅެފައިވާ މީހަކަށްވާތީ، ސްރީ ލަންކާގައި އޭނާއަކީ އެއްވެސް މައްސަލައެއްގައި ހޯދާ މީހެއްތޯ ބަލައި އަދި އޭނާ އާއިމެދު އެއްވެސް ތަޙްޤީޤެއް ހިނގަމުންދޭތޯ ބަލައި އަދި ޢަބްދުﷲ ލުތުފީ އަކީ ދިވެހިރާއްޖޭގެ ސަރުކާރުން ހޯދާ މީހަކަށްވާތީ، ސްރީ ލަންކާގެ އިދާރާތަކުން ހޯދަންޖެހޭ ކްލިއަރެންސް ހޯދުމުގެ މަސައްކަތްތައް ކުރެވެމުން ދެއެވެ.

ޢަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ލަންކާގެ ކަމާއިބެހޭފަރާތްތަކުގައި ދަންނަވާފައިވާ ކަންކަމަށް އަވަސް ފިޔަވަޅެއް އަޅުއްވައިދެއްވުމަށް، ފުލުހުންނާއި ފުލުހުން އޮންނަ ގުޅުމުގެ ތެރެއިން، ސްރީ ލަންކާ ޕޮލިސް ފޯރސްގެ އެކްޓިންގ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސީ.ޑީ. ވިކްރަމަރަތުނަ އާއި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ރަވީ ސެނަވިރަތުނައަށް ފޯން އަދި ސިޓީއިން އެކި ފަހަރުމަތިން މުޢާމަލާތް ކުރެވިފައިވެއެވެ. ޢަބްދުﷲ ލުތުފީ ގާތުގައި މިހާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމްއެއް ސްރީ ލަންކާގައި ހަރަކާތްތެރިވަމުންދެއެވެ.

ޢަބްދުﷲ ލުތުފީ ފިލައިގެން އުޅެން ފެށިފަހުން، 2012 އާއި 2016 ވަނަ އަހަރާއި ދެމެދު، ތަފާތު އެކި ފަހަރުމަތިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރަސްމީ މަސައްކަތުގެ ތެރެއިން އޭނާ ފިލައިގެން އުޅުނު ތަންތަނާއި ބެހޭ މަޢުލޫމާތު ޔަގީނާއިގާތަށް ލިބި، އެ މަޢުލޫމާތު ފުލުހުންގެ ކަމާއިގުޅުންހުރި އިސްވެރިންނާއި ހިއްސާކުރެވިފައި ވީނަމަވެސް ޢަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެއިރު ނާޅާ އޮތް ސަބަބު ބަލައި ތަހްޤީޤު ކޮށްދިނުމަށް އެދި 2019 ޖޫން 27 ވަނަ ދުވަހު ކަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑްއަށް ރަސްމީކޮށް ލިޔުމުން އަންގަވާފައެވެ. ވީމާ، މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަޙްޤީޤް ކުރަމުންދާ ކަމުގައި ދަންނަވަމެވެ.