police 4

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ފުލުހުންގެ އިންޓެލިޖެންސާ އިހަވަންދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި  އިހަވަންދޫން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ހޯރަފުށިން ފުރައިގެން އިހަވަންދުއަށް ދަތުރުކުރަމުން ދާ ޑިންގީއަކުން އިހަވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން  މި ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދެ މީހުންނާއި 33 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އިހަވަންދޫ ބަނދަރުމަތިން މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި ކުރުމުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ހޮޅިކޮޅު ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން މީހުންނަށްވެސް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.