Hulhumale ban'guraa

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެއިން ބިދޭސީއަކު ބަނގުރާ ފުޅިތަކަކާއެކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން، މި ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ  19:45 އެހައިކަންހާއިރު ޕެޓްރޯލު ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި، އޭނާ ކައިރީގައި ބަހައްޓާފައި ހުރި ދަބަހެއް ބަލައި ފާސްކުރި އިރު 12 ފުޅި ބަނގުރާ ފެނުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.