police 22

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންނާ އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އައްޑޫސިޓީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ

މި ދެމީހުންގެ ތެރެއިން 33 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މަރަދޫފޭދޫގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ 01:15 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.

މި އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 22 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15  ދުވަހުގެ މުއްދަތު ދީފައިވެއެވެ.

21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ފޭދޫގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ 23:05 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 46 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލަވެސް  ފުލުހުންދަނީ ތަޙުޤީޤު ކުރަމުންނެވެ.