police 17

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި މުލަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި  މުލަކުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މުލަކުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ 20:58 އެހައިކަންހާއިރު ހިންގި މި އޮަޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ  33 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

މި އޮޕަރޭޝަންގައި، އެރަށު މަގުމަތިން މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް  42 އަހަރުގެ މީހާގެ އަތުން ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މ. މުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 42 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާއިރު 33 އަހަރުގެ މީހާ ކޯޓުން ވަނީ ދޫކޮށްލާފައެވެ.

މި މައްސަލަ މުލަކު ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.