masthuvaathakethi

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 70 ކިލޯ އަށްވުރެ ގިނަ  މަސްތުވާތަކެތި ނައްތާލައިފިއެވެ.

މިއަދު ނައްތާލައިފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2012 އިން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި  ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެއްޗެވެ.

އެގޮތުން ދޫނިދޫގައި މިއަދު ނައްތާލައިފައިވަނީ 788 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 3715 ރަބަރު ޕެކެޓާއި، 1386 ސެލޯފިންކޮޅާއި، ފިލްމް ހުސްކުރި 31 ދަޅުގައި ހުރި މަސްތުވާތަކެއްޗާއި، 21 ބިޑިއާއި، 147 ބޭސްގުޅައާއި، އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 985 ބާވަތެކެވެ.

މީގެ އިތުރުން މިއަދު ނައްތާލި މަސްތުވާ ތަކެއްޗާއެކު، މިފަހުން އަތުލައިގަތް އީރާނު ބޯޓުން އަތުލައިގަތް 70 ކިލޯގެ މަސްތުވާތަކެތިވެސް ނައްތާލައިފައިވެއެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން، އެ މައްސަލައެއް ތަހުގީގު ކުރުމަށް ޤާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު، ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލައެވެ.

މަސްތުވާތަކެތި ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.