police-32

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫސިޓީގައި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ހިންގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ހިންގި ފުރަތަމަ އޮޕަރޭޝަނުގައި 19 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ފޭދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ނޮވެމްބަރު 30 ވަނަ ދުވަހުގެ 16:45 ހާއިރު ހިންގި އޮޕަރޭޝަނުގައި ފޭދޫ މަގުމަތިންނެވެ.

މަގުމަތިން އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 75 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މީގެއިތުރުން ނޮވެމްބަރު 30 ވަނަ ދުވަހު އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ ދެވަނަ އޮޕަރޭޝަނުގައި ވަނީ ހިތަދޫގެ ދެ ސަރަޙައްދެއް ބަލައިފާސްކޮށް ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަ ހަމާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނުތަކެއް ހޯދާފައެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.

މި ދެ މައްސަލަވެސް  ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.