އަންހެނުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކަން އުފެއްދުމަށް، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ފުލުހުންނަށް އަމާޒުކޮށްގެން ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔަ މި ޝެޝަންގައި މަޢުލޫމާތު ދެއްވީ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ އެޑްވޮކޮސީ އޮފިސަރު މަރިޔަމް ޝިބާއެވެ.
މި ސެޝަންގައި ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާގެ މައްސަލަތަކުގައި ނިސްބަތުން ގިނައިން އަނިޔާ ލިބިފައިވަނީ އަންހެނުންކަން ފާހަގަކޮށް މިފަދަ މައްސަލަތައް ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މި ސެޝަނަކީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. އަދި މިއީ ކޮންމެ އަހަރެއްގެ ނޮވެމްބަރު 25 ން ޑިސެމްބަރު 10 އަށް ފާހަގަކުރާ "ސިކްސްޓީން ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕޭންގައި ބައިވެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ސެޝަން ކުރިއަށް ގެންދިއުމުގައި ފުލުހުންގެ ހިއުމަން ރިސޯސް އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓާއި، ވިކްޓިމް ސަޕޯޓް ޔުނިޓްގެ އިތުރުން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ އެހީތެރިކަން ލިބިފައިވާއިރު، މި ސެޝަންގައި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކު އެފެއަރޒްގެ ހެޑް ޗީފް އިންސްޕެކްޓަރ ފާތިމަތު ނަޝްވާ އާއި ހެޑް އޮފް ވިކްޓިމް ސަޕޯޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް އަޒުމާގެ އިތުރުން ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ ޖުމްލަ 40 މުވައްޒަފުން ބައިވެރިވެފައިވެއެވެ.