ފިނޭގައި ކުރިއަށްދާ މޫދު ކަސްރަތު ޕްރޮގްރާމުގެ ތެރެއިން --
ފިނޭގައި ކުރިއަށްދާ މޫދު ކަސްރަތު ޕްރޮގްރާމުގެ ތެރެއިން --

ހދ.އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ހދ.ފިނޭ ހެލްތު ސެންޓަރު ގުޅިގެން އެރަށުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން 20 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މިޕްރޮގްރާމަކީ ފިނޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި ފުލުހުންނާއި އާއްމު ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުކުރުމަށް ކުރިއަށްގެންދާ  ޕްރޮގްރާމެކެވެ. ދެދަންފަޅި އަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކަސްރަތު ކުރުމުގެ މުހިންމުކަމާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުން ކުރަންވީ ގޮތާއި، ކެއިންބުއިމުގެ އާދަތައް ބަހައްޓަންވީ ގޮތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގެ ބައިވެރިން ހޭލުންތެރިކުރުމަށް މައުުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި އެފަދަ އަނިޔާތަކުން ރައްކާތެރިކުރުމާއި ގެވެށިއަނިޔާ އާއި ގެވެށި އަނިޔާގެ  މައްސަލައެއް ދިމާވެއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މަގުމަތީ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުންނާއި ކުށްމަދު އަމާން މުޖުތަމަޢެއް ގާއިމްކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށްވެސް ހަމެޖެހިފައިވެއެވެ.

މި ޕްރޮގްރާމުގައި 50 ބައިވެރިޔަކު ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދެނީ ހދ.އަތޮޅު ޕޮލިސް  ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންނެވެ.