Kanduhulhudhoo

ކުށްމަދު އަމާން މާހައުލެއް ޤާއިމު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. ކަނޑުހުޅުދޫގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ކަނޑުހުޅުދޫ ޕޮލިސް ޑެސްކުން މި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ވައްކަންކުރާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން، ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި، 18 އަހަރުން ދަށުގެ ކުޑަކުދިންނާއި ނުގުޅޭ ތަކެތި އެކުދިންނަަށް ނުވިއްކުމަށާއި، ތަން ބަންދުކޮށްފައި ދާއިރު ފައިސާ ނުބެހެއްޓުމާއި އަދި ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމަށް އިރުޝާދުދީފައިވެއެވެ.

އަދި  ތަނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވެ ސަމާލުކަން ދިނުމާއި، ބެންކު އެކައުންޓާއި ކޭޝްކާޑުގައިވާ މަޢުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި އެފަދަ ކަންކަމަށް ސަމާލުކަންދިނުމާއި، ތުހުމަތުކުރެވޭ ފަރާތްތަކުގެ އަމަލުތައް ހުންނާނެ ގޮތުގެ މަޢުލޫމާތުދީފައިވެއެވެ.

މީގެއިތުރުން ކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރަންވީ ގޮތާއި ފުލުހުންނާ ގުޅޭނެ ނަންބަރުތައް ހިއްސާކޮށްފައިވެއެވެ. އަދި ވިޔަފާރި ހިންގާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ވައްކަމާއި މަކަރާހީލަތް ފަދަ ކުށްތައް މަދުކުރުމަށް ވިޔަފާރި ވެރިންނަށް ކޮށްދެވިދާނެ ކަންކަމާއި ގުޅޭގޮތުން  މި ޕްރޮގްރާމްގެ ތެރެއިން މަޝްވަރާކޮށްފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން، ކަނޑުހުޅުދޫގައި ވިޔަފާރިކުރާ ހުރިހާ ފިހާރަތަކަކަށް ޒިޔާރަތްކޮށް މަޢުލޫމާތުދީފައި ވެއެވެ.