Magoodhoo

އަޟްޙާ އީދު ބަންދާއި ދިމާކޮށް ފ. މަގޫދޫގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް އެރަށު ޕޮލިސް ސްޓޭޝަނުން ހިންގައިފިއެވެ.

މި އޮގަސްޓް މަހުގެ05 އިން 07 އަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްތަކުގައި، މަގޫދޫގެ ހޮޓާތަކާއި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

އަދި ފިހާރަ ބަންދުކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމާއި ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދުދީފައިވެ.

އަދި އެރަށުގައި ދުއްވާ އެއްގަމު އުޅަނދުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައްވެސް ބަލާފައިވެއެވެ. އެގޮތުން 31 އުޅަނދު ބަލައިފާސްކޮށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އުޅަނދު ދުއްވި ފަސް ފަރާތަކާއި މެދު ފިޔަވަޅުއަޅައި ނަސޭހަތްތެރިވެފައިވެއެވެ.

މީގެއިތުރުން ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނާ ގުޅޭގޮތުން މަޢުލޫމާތުދީ އެޤާނޫނާ އެއްގޮތަށް ދުންފަތުގެ ބާވަތްތައް ވިއްކުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި 18 އަހަރުން ދަށުގެ ކުދިންނަށް މިފަދަ އެއްވެސް އެއްޗެއް ނުވިއްކުމަށާއި ވަކި ސިނގިރެޓް ނުވިއްކުމަށް ނަސޭހަތްތެރިވެފައިވެއެވެ.