Mathiveri house visit

އއ. މަތިވެރި ގޭބިސީތަކާއި ގެސްޓް ހައުސް އަދި ވިޔަފާރި ތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާ ކުރުމުގެ ޕްރޮގްރާމެއް މަތިވެރި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި ނޮވެމްބަރު މަހުގެ 5 ން 9 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކުށްމަދު އަމާން ވެށްޓެއް ގާއިމު ކުރުމަށާއި، އެކި ކަންކަމަށް އާންމުން ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށާއި ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި، ރަށުތެރޭގައި ހިނގާ ކުށްތައް ހުއްޓުވުމާއި، އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ކުށުގެ ވެށިން ސަލާމަތްކޮށް މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ. އަދި ކުށްމަދު ކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ހިންގިދާނެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގެ ތެރެއިން، ގެސްޓްހައުސްތަކާއި، ފިހާރަތަކުގެ ސެކިއުރިޓީ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން އެތަންތަނުގެ އިސް ފަރާތްތަކަށް އިރުޝާދު ދީފައިވެއެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ޙައްލު ކުރުމަށް ކުރެވެންހުރި ކަންކަމާއި ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވާފައިވެއެވެ.

މަތިވެރީގައި ކުރިއަށް މިގެންދިޔަ ޕްރޮގްރާމުގައި އެރަށު ހުރިހާ ގޭބިސީތަކަށާއި ގެސްޓްހައުސްތަކާއި ވިޔަފާރިތަކަށް  ޒިޔާރަތްކޮށް އެފަރާތްތަކުގެ ޚިޔާލު ހޯދައި މަޝްވަރާ ކޮށްފައިވެއެވެ.

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމްކޮށް، ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގެންދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.