20191109_194541

ސްކޫލް ތަކުގެ ދަރިވަރުން އެކި ކަންކަމަށް އަހުލުވެރިކޮށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މ. މަޑުއްވަރި ސްކޫލްގެ ގްރޭޑް 6 އިން ގްރޭޑް 9 އަށް ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ދިއްގަރު ޕޮލިސް ސްޓޭޝަނާއި މ. އަތޮޅު ޖެންޑަރ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ދިރިއުޅުމުގެ ހުނަރުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދީފައިވެއެވެ.

އެގޮތުން ސްކޫލާއި ގޭތެރޭގެ މާހަލުގައި ދިމާވާ ކަންކަން ހައްލު ކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާއި ކަންކަމުގައި ވިސްނުންތެރި ކަމާއެކު ގޮތް ނިންމުމަށް މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެއްކުއްޖަކު އަނެއްކުއްޖަކާ ގުޅިގެން މަސައްކަތްކުރުމާ ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ރިވެތި އަޚްލާޤު ބައްޓަންކުރާނެ ގޮތްތަކާއި، އެގޮތުގައި ދެމިތިބުމަށް މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން މައިންބަފައިންނާއި މުދައްރިސުންނާއި ތިމާއަށް ވުރެ ބޮޑެތި މީހުންނާ އަދި އެއް ކުއްޖަކު އަނެއް ކުއްޖަކަށް އިޚްތިރާމް ކުރުމާއި ރިވެތި ބަހުން މުއާމަލާތު ކުރުމަށް ނަސޭހަތްތެރި ވެފައިވެއެވެ. އަދި ކޮންމެ ކަމެއްގައިވެސް ރިވެތިގޮތް އިޚްތިޔާރު ކުރުމާއި މުޖްތަމައަށް ބޭނުންހިފޭ  ރަނގަޅު ކުދިބަޔަކަށް ވުމަށް ނަސޭހަތްތެރި ވެފައިވެއެވެ.

މ. އަތޮޅުގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައި ނެތް ހުރިހާ ރަށެއްގެ ސްކޫލްތަކުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ސިލްސިލާކޮށް ފުލުހުންދަނީ ހިންގަމުންނެވެ.