CommunityForum

ހުޅުމާލެ ނެއިބަހުޑު ދޭއްގައި ދިރިއުޅޭ ބައެއް ރައްޔިތުންނަށް އަމާޒުކޮށްގެން ކޮމިއުނިޓީ ފޯރަމެއް ބާއްވައިފިއެވެ.

ހުޅުމާލެ ޕޮލިސް ނެއިބަހުޑް ސަޕޯޓް އޮފިސަރުން އިސްނަގައިގެން އިއްޔެ ކުރިއަށް ގެންދިޔަ މި ފޯރަމްގައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ބައެއް ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އޭގެ އިތުރުން، ކުށްމަދު އަމާން ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގައި ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމާއި ފަރުދީ ހައިސިއްޔަތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ނެއިބަހުޑް ސަޕޯޓް އޮފިސަރުންނަކީ، ހާއްސަ ވަކި އުސޫލުތަކެއްގެ ދަށުން ކަނޑައަޅާފައިވާ ވަކި ސަރަހައްދެއްގައި އެ ސަރަހައްދުގެ ކަންކަން ރައްޔިތުނާ ވީހާވެސް ގާތުން ބަލައި މޮނިޓަރ ކުރުމަށް ތިބޭ ވަކި ރޭންކެއްގެ ފުލުހުންނެވެ. އެ ސަރަހައްދުތައް ބެލެހެއްޓުމުގައި ނެއިބަހުޑް ސަޕޯޓް އޮފިސަރުންނަށް އެހީތެރިވުމަށް އެ އޮފިސަރުންގެ ބެލުމުގެ ދަށުން ފުލުހުންގެ ޕެޓްރޯލް ބީތްތައް މަސައްކަތްކުރާނެއެވެ.

އިއްޔެ ހަވީރު ގާޒީ ސްކޫލްގައި ކުރިއަށް ގެންދިޔަ ފޯރަމްގައި ހުޅުމާލެ ނެއިބަހުޑް ސަޕޯޓް އޮފިސަރުންގެ އިތުރުން ހުޅުމާލެ ޕޮލިސްގެ ބައެއް ފުލުހުން ބައިވެރިވެފައިވެއެވެ.