maritime policing session

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓީޖިކް ޕްލޭން 2019-2024 ގައި ކަނޑައަޅާފައިވާ ރޯޑް އެންޑް މެރިޓައިމް ޕޮލިސިންގ ލަނޑުދަނޑި ހާސިލްކުރުމަށް އެކުލަވާލާފައިވާ އެކްޝަން ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމަށްޓަކައި، ފުލުހުންނާއި ކައުންސިލްތަކަށް އަމާޒުކޮށްގެން މެރިޓައިމް ޕޮލިސިންގ ސެޝަންތަކެއް ހއ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

މެރިން ޕޮލިސް ޚާއްޞަ ޓީމަކުން ހއ. އަތޮޅުގައި ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި، ގުޅުން ހުރި ގާނޫނުތަކަށް ހޭލުންތެރި ކުރުމުގެ އިތުރުން، ކަނޑުގައި ދިމާވާ ހާދިސާތައް ތަހުގީގު ކުރުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަމާއި، ސަލާމަތީ ގޮތުން އުޅަނދުތަކުގައި ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްފައިވޭތޯ ބެލުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ތަފާތު މައްސަލަތަކާ ގުޅިގެން ގާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މައްސަލަތަކުގެ ތަހުގީގު ރިޕޯޓް އެކުލަވައިލުމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި އިޖުރާއަތުތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، ކަނޑު ދަތުރުތަކަށް ތައްޔާރުވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ކަނޑުމަތީގައި ހިނގާ ހާދިސާތައް މައިގަނޑުގޮތެއްގައި ހިނގަން މެދުވަރިވާ ސަބަބުތަކާއި މައްސަލައެއް ހުށަހަޅާއިރު ފުލުހުން ބޭނުންވާ އަސާސީ މައުލޫމާތު ތަކުގެ މައްޗަށް މި ސެޝަން ތަކުގައި އަލި އަޅުވާލާފައިވެއެވެ.

މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ހއ. ކެލާއާއި ހއ. ދިއްދޫގެ އިތުރުން ހއ. ހޯރަފުށީގައެވެ. އިއްޔެއާއި މިއަދު ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ހއ. ބާރަށު ކައުންސިލާއި ހއ. ދިއްދޫ ކައުންސިލާއި ހއ. ކެލާ ކައުންސިލާއި ހއ. އިހަވަންދޫ ކައުންސިލް އަދި ހއ. ހޯރަފުށި ކައުންސިލުން ޖުމުލަ 10 ބޭފުޅުން ބައިވެރިވެފައިވެއެވެ. އޭގެ އިތުރުން، ހއ. އަތޮޅުގައި ގާއިމްކޮށްފައިވާ ތަފާތު ޕޮލިސް ސްޓޭޝަންތަކުން ޖުމުލަ 68 ފުލުހުން ބައިވެރިވެފައިވެއެވެ.