Thodhdhoo house visit

އއ. ތޮއްޑޫ ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާ ކުރުމުގެ ޕްރޮގްރާމެއް ރަސްދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ތޮއްޑޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމް ކުރުމަށާއ، އެކި ކަންކަމަށް އާންމު ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށާއި ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އެގޮތުން މި ޕްރޮގްރާމުގައި، ރަށުތެރޭގައި ހިނގާ ކުށްތައް ހުއްޓުވުމާއި، އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ކުށުގެ ވެށިން ދުރުކޮށް މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ. އަދި ކުށްމަދު ކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ހިންގިދާނެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގެ ތެރެއިން، ގެސްޓްހައުސްތަކާއި، ފިހާރަތަކުގެ ސެކިއުރިޓީ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން އެތަންތަނުގެ އިސް ފަރާތްތަކަށް ލަފާ ދީފައިވެއެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ޙައްލު ކުރުމަށް ކުރެވެންހުރި ކަންކަމާއި ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވާފައިވެއެވެ.

ތޮއްޑޫގައި ކުރިއަށް މިގެންދިޔަ ޕްރޮގްރާމުގައި އެރަށު ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކޮށް ޚިޔާލު ހޯދައި މަޝްވަރާ ކޮށްފައިވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި ތޮއްޑޫ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ފުލުހުންނަށް ލިބިފައިވެއެވެ.

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމްކޮށް، ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އަތޮޅުތަކުގައި ފުލުހުން ގެންދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.