NSO12

ފުލުހުންގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް އައްޑޫ ސިޓީގައި ރަސްމީކޮށް ފަށައިފިއެވެ.

އައްޑޫ ސިޓީ ގަން އީކުއޭޓަރ ވިލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. މިރަސްމިއްޔާތުގައި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤްއާއި ސިޓީ ކައުންސިލް މެމްބަރުންނާއި އައްޑޫ ސިޓީގައި ހުރި މުއައްސަސާތަކުގައި މަސައްކަތްކުރާ އިސްވެރިންނާއި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެލެއްވިއެވެ.

ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތާއެކު އައްޑޫ ސިޓީގެ ގޭބިސީތަކަކާއި އެއޮފިސަރަކަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތްކޮށް، ގޭބިސީތަކާއި އެސަރަަހައްދުތަކުގެ އާންމު މަޢުލޫމާތު އޮޅުފިލުވާނެއެވެ. އަދި އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު އަމަލުތަކާއި އެސަރަހައްދުތަކުގައި ހިނގާ އެހެނިހެން ކުށްތައް ދެނެގަނެ ހައްލު ހޯދައިދިނުމަށް މަސައްކަތްކުރަމުންދާނެއެވެ.

NSO13

މީގެއިތުރުން ކުށްމަދުކުރުމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންވީ ގޮތުގެ މަޢުލޫމާތު، އެސަރަޙައްދުގައި ހިމެނޭ އާންމު ރައްޔިތުންނާއި ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުށުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި އެކި މައްސަލަތަކުގައި ހެކިބަސްދޭ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތްކުރުމާއި، އިންޓެލިޖެންސާއި އެސަރަޙައްދަކުން ލިބޭ މަޢުލޫމާތު ފުލުހުންނާއި ހިއްސާކޮށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރާނެއެވެ.

އައްޑޫ ސިޓީގެ އަވަށްތައް ބެހިފައިވާގޮތަށްބަލައި، ނެއިބަރހުޑް ސަޕޯޓް އޮފިސަރުން ކަނޑައަޅާފައިވަނީ 21 ސަރަޙަދަކަށެވެ. އެގޮތުން މިއިން ކޮންމެ ސަރަޙައްދެއްގައި ނެއިބަރހުޑް ދެސަޕޯޓް އޮފިސަރުން ހަރަކާތްތެރިވަމުންދާނެއެވެ. އައްޑޫ ސިޓީގައި ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް މިއަދު ރަސްމީކޮށް ފެށިނަމަވެސް މިއަހަރުގެ މެއި މަހުން ފެށިގެން މި ޚިދުމަތް އައްޑޫ ސިޓީގައި ދެމުން ގޮސްފައިވެއެވެ.

ްއެގޮތުން މިހާތަނަށް އައްޑޫ ސިޓީގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުން ވަނީ އައްޑޫ ސިޓީގެ 1068 ގޭބިސީއަކަށާއި ވިޔަފާރިކުރާ 146 ތަނަކަށް ޒިޔާރަތްކޮށްފައެވެ.

އާންމު ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ޤާއިމްވެފައިވާ ތަނަކަށް ހެދުމާއި، ގޭބިސީތަކާއި ގޭބިސީތައް ހިމެނޭ ސަރަޙައްދުތަކަކީ ދިރިއުޅުމަށާއި  ހިނގާބިނގާވެ އުޅުމަށް ފަހި، ހިތްްގައިމު މާޙައުލަކަށް ހެދުމަށާއި އަދި އާންމު ރައްޔިތުންނަށް ދިމާވާ ކަންބޮޑުވުންތައް ފުލުހުންނާއި ފަސޭހައިން ހިއްސާކޮށް، އެކަންކަމުގެ ޙައްލު ހޯދައިދިނުމުގެ ގޮތުން ފެށިގެން ދިޔަ މި ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މި ޚިދުމަތް މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައިވެސް ދަނީ ފޯރުކޮށްދެމުންނެވެ.