Ihavandhoo

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި އިހަވަންދޫ ސްކޫލާއި އެރަށު ކައުންސިލް ގުޅިގެން ޖުލައި 16 އިން އޮގަސްޓް 13 އަށް ކުރިއަށްގެންދާ މޫދު ކަސްރަތު ޕްރޮގްރާމްގެ ބައިވެރިންނަށް ހޭލުންތެރި ކުރުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

ޖުލައި 28 ވަނަ ދުވަހުގެރޭ ކުރިއަށްގެންދިޔަ މި ސެޝަންގައި، ދިރިއުޅެމުންދާ ވެށިން އަންހެނުންނަށް ދިމާވާ ގެވެށި އަނިޔާގެ މައްސަލަތަކާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުޑަކުދިންނަށް ލިބޭ ގެއްލުންތަކާއި ގުޅޭގޮތުން މަޢުލޫމާދު ދީފައިވެއެވެ. އަދި މި ފަދަ މައްސަލައެއް ދިމާވެއްޖެނަމަ ޢަމަލުކުރާނޭގޮތްތަކާއި މިފަދަ އަނިޔާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ގްރޫޕްތަކުގައި މަޝްވަރާ ކުރެވިފައިވެއެވެ.

އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ދަރިންނަށް އަޅާލުމާ އޯގާތެރިކަން ދޭންޖެހޭ މިންވަރާއި ދަރިންގެ ކަންކަން ބަލަހައްޓަންޖެހޭ އުސޫލުތަކާއި ދަރިންނަށް ރީތި އަޚުލާޤު ދަސްކޮށްދިނުމާއި އެކަމުގެ މުހިންމުކަމާއި މައިންބަފައިންނަށް ބައެއްފަހަރު ދަރިންނާމެދު ވެވޭ އިހުމާލުތަކާއި އެ އިހުމާލުގެ ސަބަބުން އެކުދިންނަށް ކުރާ އަސަރުތަކާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން އިންޓަރނެޓް ބޭނުންކުރާއިރު ބެލެނިވެރިންނާއި ޓީޗަރުން ސަމާލުކަންދީ ބަލަހައްޓަންޖެހޭ ކަންކަމާއި އަދި އިންޓަރނެޓްގެ ޒަރީއާއިން ކުރިމަތިވާ ގަނާ ކުރުން ފަދަ ކަންކަމުން އެކުދިން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި އަދި ކުދިން ބަލާ ބައެއް ކާޓޫން ތަކުން އެކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަދި މަސްތުވާތަކެތީގެ މައްސަލަތައް މިހާރަކަށް އައިސް އިހަވަންދޫގައި އިތުރުވަމުންދާތީ އެކަންކަމަށް ސަމާލުކަން ދިނުމާއި އެކަމުން ކުދިން ސަލާމަތް ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި އާންމު އިޖްތިމާއީ މިންގަނޑު ތަކާއި ޚިލާފު ޢަމަލުތައް ދެނެގަތުމާއި އެފަދަ ކަންކަން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަންގައި ކަސްރަތު ޕްރޮގްރާމްގެ ބައިވެރިންގެ އިތުރުން ސްކޫލް ބެލެނިވެރިންނާއި މުދައްރިސުންނާއެކު 140 މީހުން ބައިވެރިވެފައިވެއެވެ.

މީގެއިތުރުން ކަސްރަތު ޕްރޮގްރާމްގައި ހިމެނޭ ސްކޫލް ދަރިވަރުންނަށްވެސް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިސެޝަންގައި، މަދަނީ ކުށްތަކާއި ޖިނާއީ ކުށްތަކަކީ ކޮބައިކަމާއި އެކުށްތަކުން ސަލާމަތްވާނެ ގޮތްތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތުދީފައިވެއެވެ. އަދި އާންމު އިޖުތިމާއީ މިންގަނޑު ތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް މަޢުލޫމާތުދީ ދަރިވަރުންނަށް ނަސޭހަތްތެރިވެފައިވެއެވެ.