Keyodhoo

ސޭފް ޓުއަރިޒަމްގެ ދާއިރާއިން ކުޑަކުދިން ހިމާޔަތް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސޭފް ޓޫރިޒަމް ޓްރެއިނިންގެ ނަމުގައި ފުލުހުން ހިންގަމުން އަންނަ ޕްރޮގްރާމުގެ ހަތަރު ވަނަ ބެޗު ވ. ކެޔޮދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މި އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމަކީ ރާއްޖޭގެ ޓުއަރިސްޓް ރިސޯރޓް ތަކުގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ސްޓާފުންނާއި ގެސްޓްހައުސް ތަކުގެ މެނޭޖަރުން އަދި ސްކޫލް ދަރިވަރުންނަށް ސޭފް ޓުއަރިޒަމް އާ ގުޅުންހުރި މަޢުލޫމާތު ހިއްސާ ކުރުމާއި ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އަންނަ ތުއްތު ކުދިންނާއި، އަދި ރާއްޖޭގައި އުޅޭ ތުއްތު ކުދިންނަށް މިފަދަ ކަންކަމުން ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަޤުޞަދުގައި ހިންގި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި، ޓުއަރިޒަމް ދާއިރާގެ ތެރެއިން ކުޑަކުދިން ރައްކާތެރިކުރާނެ ގޮތްތަކާއި، ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ އެކުގައި ކުޑަކުދިން ހަރަކާތްތެރިވާއިރު އެކުދިންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިލެއްވިއެވެ.

ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންނާއި ޔުނިސެފް މޯލްޑިވްސްއާއި ކެޔޮދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ކެޔޮދުއާއި ފެލިދޫގެ އިތުރުން ތިނަދޫގެ ގެސްޓް ހައުސްތަކުގައި އުޅޭ ފަތުރުވެރިންނާއި ގެސްޓް ހައުސްތަކުގެ މެނޭޖަރުންނާއި ސްކޫލުތަކުގެ ދަރިވަރުންނާއި ކައުންސިލްތަކުގެ މުވައްޒަފުންގެ އިތުރުން ވ. އަތޮޅުގެ ދެ ރިސޯޓަކުންވެސް ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގައި މަސައްކަތްކުރައްވާ ފުލުހުންނެވެ.

މި ޕްރޮގްރާމުގެ ތެރެއިން 18 ބައިވެރިއަކު ތަމްރީނު ކޮށްފައިވެއެވެ.