ސައިކަލު ވަގަށް ނެގުން – ހައްލަކީ ކޮބާ؟

ސިވިލް އޮފިސަރ ފާތިމަތު ނާދިރާ

Stats

ވައްކަމުގެ މައްސަލަތަކުގެ ސަބަބުންލިބޭ މާލީ ގެއްލުންތަކަކީ ކޮންމެ ބޭފުޅަކުވެސް އެކަމާ ކަންބޮޑުވާނެ ކަމެކެވެ. ގެންގުޅޭ އަގުބޮޑެތި މުދާ ގެއްލުމަކީ އެކަމާ އިންތިހާއަށް ދެރަވެ ހިތާމަ ކުރާ ކަމެކެވެ.

ވައްކަމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމަޢުގައި އަބަދުވެސް ހިނގަމުން އަންނަ، އެކަންކަމަށް ހައްލު ހޯދަން ޖެހިފައިވާ ކަންކަމެވެ. އޭގެތެރޭގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް މިވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. ނަމަވެސް، މިފަދަ ކަންކަން ހައްލުކުރުމުގައި ފަރުދީ ގޮތުން ކޮންމެ ބޭފުޅަކަށްވެސް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.

BarChart

ސައިކަލު ވަގަށް ނަގައިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާތީ، މިކަން ހައްލުކުރުމަށް ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ކުރި ސާވޭއަކުން ދައްކާގޮތުން %38 މީހުންގެ ސައިކަލަކީ އިންސްޓޯލްމެންޓަށް ނަގާފައިވާ ސައިކަލެވެ. އަދި %90 މީހުންގެ ސައިކަލްގައި އެލާމް ސިސްޓަމް ހަރުކޮށްފައި ނެތްކަންވެސް ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން ސައިކަލު ޕާކު ކުރުމުގައި، ޕާކުކޮށްފައިވަނީ ރައްކާތެރި ތަނެއްގައިތޯއާއި، ސައިކަލުގެ ޝަޓަރލޮކް ކުރައްވާތޯ ބެލިބެލުމުން %35 މީހުން މިކަންކަމަށް ސަމާލުކަން ދީފައިނުވާކަން ފާހަގަ ކުރެވުނެވެ. މިހެންކަމުން، ސައިކަލުގެ ރައްކާތެރިކަމަށް ދޭންވާ އަހަންމިއްޔަތުކަން ގިނަ ބަޔަކު ދީފައި ނުވާކަންވެސް ފާހަގަ ކުރެވިފައިވެއެވެ.

ފަހުގެ ތާރީޚަށް ނަޒަރު ހިންގާލާއިރު މާލެ ހިމެނޭ ސަރަހައްދުން ސައިކަލު ވަގަށް ނަގާފައިވާ ގޮތަށްބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 401 ސައިކަލު ވަގަށް ނެގިކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ. އޭގެތެރެއިން މިހާތަނަށް ފެނިފައިވަނީ 264 ސައިކަލެއެވެ. ގެއްލިގެން ހުށަހަޅާފައިވާ ސައިކަލުތަކުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް 21,796,400 (އެކާވިސް މިލިއަން ހަތް ސަތޭކަ ނުވަދިހަ ހަ ހާސް ހަތަރު ސަތޭކަ) ރުފިޔާ އަށް އަރައެވެ.

ހަގީގަތުގައިވެސް މިއީ ދިވެހިންގެ އާބާދީގެ ނިސްބަތަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. އެހެންކަމުން އުޅަނދުގެ ވެރިފަރާތުން ނުވަތަ އެ އުޅަނދެއް ދުއްވާ ފަރާތަކުން ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ވައްކަން ކުރާ ފަރާތްތަކުގެ ކިބައިން ތިމާގެ އުޅަނދު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، ސައިކަލު ޕާކު ކުރާއިރު އެކަހެރި ތަންތަނުގައި ޕާކު ނުކުރުމަށާއި، ހުންގާނު ތަޅުލާފައި ބެހެއްޓުމަށް ސަމާލުކަން ދެއްވާށެވެ. އަދި ޝަޓަރ ލޮކް ބޭނުންކުރައްވާށެވެ. އަދި ހަމަ އެހެންމެ ތަޅުދަނޑިއަށް ރައްކާތެރިވާށެވެ. ސައިކަލު ޕާކު ކުރުމަށްފަހު ތަޅުދަނޑި ނެގުނުތޯ ޔަގީންކޮށްލައްވާށެވެ.

މީގެއިތުރުން ސައިކަލުގައި އެލާމް ސިސްޓަމް ހަރުކުރުމާއި ސީސީޓީވީ ކެމެރާ ހުންނަ ސަރަހައްދު ތަކުގައި ޕާކު ކުރުމަށް ސަމާލުކަން ދިނުމުގެ އިތުރުން ސައިކަލު ފުލް ކަވަރޭޖު  އިންޝުއަރެންސް ކުރުމަކީވެސް މިއަދު ސަމާލުކަން ދިނުން މުހިންމު ކަމެކެވެ.

ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ހުއްޓުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ފަރުދީ ގޮތުން ކުރެވިދާނެކަންކަމަށް ސަމާލުކަން ދެއްވުމަށާއި ސައިކަލެއް ވަގަށް ނަގާ މަންޒަރު ފެނިއްޖެނަމަ ނުވަތަ ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ ލަސްނުކުރައްވާ ފުލުހުންނަށް އެކަން ރިޕޯޓު ކޮށްދެއްވާށެވެ.