މަސްތުވާތަކެއްޗާއެކު އުނގޫފާރުން މީހަކު ހައްޔަރުކޮށްފި

ޕޮލިސް ލާންސް ކޯޕްރަލް ޙުސައިން މުއާޛް
police 11

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ރ. އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އުނގޫފާރުން މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އުނގޫފާރުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖުލައި މަހުގެ 30 ވަނަ ދުވަހުގެ 14:10 އެހާކަންހާއިރު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މައްސަލަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.