Nadella

ސްކޫލްތަކުގެ ބެލެނިވެރިން ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ. ނަޑެއްލާ ސްކޫލްގެ ގްރޭޑް 7 އިން ގްރޭޑް 10 އަށް ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ބެލެނިވެރިން ހޭލުންތެރި ކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ރަތަފަންދޫ ޕޮލިސް ސްޓޭޝަނާއި ނަޑެއްލާ ސްކޫލު ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ނަޑެއްލާ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ދަރިން ތަރުބިއްޔަތު ކުރުމާއި ގެވެށި އަނިޔާއާ ގުޅޭ ގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ބެލެނިވެރިންނާއި ދަރިންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިންނާމެދު ވެވޭ އިހުމާލުތަކަކީ ކޮބައިކަމާއި ދަރިންނާމެދު އިހުމާލު ވެއްޖެނަމަ ޤާނޫނީ ގޮތުން އެޅޭ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން މުޖުތަމަޢުގައި ހިނގާ ކުށްތަކާއި ދަރިވަރުން ކުށްތަކަށް އަރައިގަންނަން މެދުވެރިވާ ސަބަބުތަކާއި ކުށުގެ ވެށްޓާ ދަރިން ދުރުކުރުމަށްޓަކައި ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާގެ މައްސަލައެއް ދިމާވެއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، އަނިޔާ ލިބޭފަރާތަށް ލިބިދޭ ރައްކާތެރިކަމާއި ޤާނޫނުގައި ހިމެނޭ މުހިއްމު ބައިތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.