Hoarafushi futsal training

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ހޯރަފުށި ކައުންސިލް ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ އަމާންވެށި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ 'ކުޅިވަރުން ފަހިކަން' ފުޓްސަލް ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ބައިވެރިންނަށް ސެޓުފިކެޓު ދީފިއެވެ.

މި އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހޯރަފުށި ސެފްރޯން ރެސްޓޯރެންޓްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިވިޜަން ސަޕޯރޓްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ޝަރަފުވެރި މެހުމާން ދެއްކެވި ވާހަކަ ފުޅުގައި، ހޯރަފުއްޓަކީ ހެޔޮލަފާ ޒުވާނުންތަކެއް ދިރިއުޅޭ ކުށްމަދު ރަށަކަށް ހެދުމަށް ރަށުގެ ހުރިހާ މުއައްސަސާއަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

Hoarafushi futsal training 2

 މި ރަސްމިއްޔާތުގައި ހޯރަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ދެއްކެވި ވާހަކަ ފުޅުގައި، ފަހުގެ ތާރީޚެއްގައި ހޯރަފުށިގައި ޒުވާނުންނަށް އަމާޒުކޮށް މިފަދަ ފުރިހަމަ ޕްރޮގްރާމެއް ބާއްވާފައި ނުވާކަމަށާއި، މި ޕްރޮގްރާމް ހޯރަފުށީގައި ކުރިއަށް ގެންގޮސް ދެއްވީތީ ފުލުހުންނަށްޝުކުރު އަދާކުރެއްވިއެެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ޒުވާނުންނަށް ދަސްވީ ހަމައެކަނި ފުޓްސަލް ކުޅެން ނޫންކަމަށާއި ކުޅިވަރު ކުޅޭ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ރިވެތި ސިފަތަކަށް ޒުވާނުން އަހުލުވެރިކޮށް އެ ސިފަތައް ޒުވާނުންނަށް ދަސްކޮށްދީ ފައިވާކަމުގައި ފާހަގަ ކުރެއްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

އޮކްޓޯބަރ 21 ން 29 އަށް ހޯރަފުށީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 16 އަހަރާއި 40 އަހަރާއި ދެމެދުގެ 30 ފަރާތަކުން ބައިވެރިވެ ސެޓުފިކެޓު ހާސިލް ކޮށްފައިވެއެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓުފިކެޓު ބައްސަވައިދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ. މީގެއިތުރުން މި ޕްރޮގްރާމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒެވެ.

Hoarafushi futsal training 1

މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި، ޑިވިޜަން ސަޕޯރޓްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲގެ އިތުރުން އަޕަރނޯތު ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒާއި ހއ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން ޢަބްދުލް ޤައްޔޫމާއި ދިއްދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ވާޙީދާއި ހޯރަފުށި ޕޮލިސް ސްޓޭޝަންގެ އިންޗާޖް ޕޮލިސް ސްޓާރފް ސަރޖަންޓް އަލީ ވަހީދާއި ހޯރަފުށި ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންގެ އިތުރުން ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދާއި ކައުންސިލްގެ ނައިބު ރައީސާއި ހޯރަފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެފައިވެއެވެ.

އަމާންވެށި ޕްރޮގްރާމްގެ ދަށުން ހިންގާ ކުޅިވަރުން ފަހިކަން، މި ޕްރޮގްރާމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް މަސައްކަތް ކުރާނޭގޮތްތަކާއި ކުޅިވަރުގެ ތެރެއިން އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމާއި ކުށްމަދު ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމާއި ޒުވާނުންގެ ކިބައިގައި ރިވެތި އަޚްލާޤާއި ސުލޫކު އަށަގެންނެވުމަށް ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.