road safety

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުވައި މަގުމަތީގެ ޤަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށްގެންދާ ނެޝަނަލް ރޯޑް ސޭފްޓީ ކެމްޕޭންގެ ހަރަކާތްތައް ލ. މުކުރިމަގު ސްކޫލާއި ލ. އަތޮޅު މަދަރުސާއާއި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ފުވައްމުލައް ހާފިޒު އަޙްމަދު ސްކޫލާއި މުޙައްމަދު ޖަމާލުއްދީން ސްކޫލާއި އައްޑޫ ސިޓީ މަރަދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލާއި އަދި ޝަމްސުއްދީން ސްކޫލްގައި ފަށައިފިއެވެ.

އެސްކޫލްތަކުގައި މިޕްރޮގްރާމް ފެށުމުގެ ގޮތުން ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި ސްކޫލްތަކުގެ މުވައްޒަފުންވެސް ހިމެނޭގޮތައް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައާއި އެއްގަމު އުޅަނދު ދުއްވުމުގައި ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މިކެމްޕޭންގެ ދަށުން، ދަރިވަރުން މަގުމަތީގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާއި ހިނގާބިގާވެ އުޅުމުގައާއި ބައިސްކަލު ފަދަ އުޅަނދުތައް ދުއްވާއިރު ވިސްނަންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކްސިޑެންޑް ފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި މަގުމަތީގެ ޤަވާއިދުތަކަށް  ދަރިވަރުން އަހުލުވެރިކުރުވުމަށް އެކި ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.