އިހަވަންދޫ ކައުންސިލްގެ މެމްބަރުންނާ ޑިވިޜަން ކޮމާންޑަރ ކުރެއްވި ބައްދަލުވުމުގެ ތެރެއިން....
އިހަވަންދޫ ކައުންސިލްގެ މެމްބަރުންނާ ޑިވިޜަން ކޮމާންޑަރ ކުރެއްވި ބައްދަލުވުމުގެ ތެރެއިން....

އަޕަރ ނޯތު ޕޮލިސް ޑިވިޜަނާ އަލަަށް ހަވާލުވެ ލެއްވި ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒް، ހއ. އިހަވަންދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލު ކުރައްވައިފިއެވެ.

މި ޖުލައި މަހުގެ 29 ވަނަ ދުވަހު އިހަވަންދޫ ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރުކަމާ ހަވާލުވެލެއްވުމާއި ގުޅިގެން ޑިވިޜަންގައި ހިމެނޭ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކައުންސިލްތަކާ ބައްދަލުކޮށް ތަޢާރަފްވުމުގެ ގޮތުންނާއި ސްޓޭޝަންތަކުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރައްވާ ދަތުރުފުޅުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ހއ. އިހަވަންދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި ތަޢާރަފްވެ ދެއްކެވި ވާހަކަފުޅުގައި، ކުށްމަދު މާހަޢުލެއް ބިނާކުރުމަށް ފުލުހުންނާއި ކައުންސިލް ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ފުލުހުންނަކީ އަބަދުވެސް ކައުންސިލްގެ އެހީތެރިކަން ބޭނުންވާނެ ބައެއްކަމަށާއި، ފުލުހުންގެ އެކި އެކި މަސައްކަތްތަކުގައި އިހަވަންދޫ ކައުންސިލުން ދީފައިވާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުވުމުގައި، އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ރާވާފައިވާ ކަންކަމާ ގުޅޭގޮތުން ކައުންސިލާއެކު މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާމެދު ހިތްހަމަ ޖެހޭކަމަށާއި ރައްޔިތުންވެސް ފުލުހުންގެ މަސައްކަތްތައް ބަލައިގަންނަ ކަމަށާއި ފުލުހުންގެ ކޮންމެ މަސައްކަތަކަށް އިހަވަންދޫ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ފާއިޒާއި ހއ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން ޢަބްދުލް ޤައްޔޫމާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ އިންޗާޖް ސްޓާފް ސަރޖަންޓް ޢަލީ ނިފާޒްގެ އިތުރުން އިހަވަންދޫ ކައުންސިލް މެމްބަރުން ބައިވެރިވެ ލެއްވިއެވެ.