Hafiz Ahmed School

ފުވައްމުލައް ހާފިޒް އަޙްމަދު ސްކޫލު ގްރޭޑް 2 ގެ ދަރިވަރުންނަށް ޓްރެފިކާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަނުގައި، މަގުމަތީގައި ހިނގާ ބިނގާވެ އުޅުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ދުއްވާ އެއްޗިއްސަށް ސަމާލުވުމާއި މަގުހުރަސްކުރާއިރު ކޮންމެ ދަރިވަރަކުވެސް ޚާއްޞަ ސަމާލުކަމެއް ދިނުމާއި ގުޅޭގޮތުން ކުދިންގެ އުމުރާ ގުޅޭގޮތަށް މަޢުލޫމާތު ދީފައިވެއެވެ.އަދި ޓްރެފިކް ނިޝާންތަކާއި ޓްރެފިކްގެ ޤަވާއިދު ތަކާ ގުޅޭގޮތުންވެސް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން މަގުމަތީގެ ރީތި އަދަބުތައް ބުނެދީ ކޮންމެ ދަރިވަރަކުވެސް އަނެކުންގެ ލޯބި ލިބޭގޮތަށް އުޅުން ބެހެއްޓުމަށް ނަޞޭޙަތްތެރިވެފައިވެއެވެ.

މި ހިނގާ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު ހާފިޒް އަޙްމަދު ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި އެސްކޫލުގެ ގްރޭޑު 2 ގައި ތަޢުލީމު ހާސިލްކުރަމުންދާ 77 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.