Gemanafushi

ގއ. ގެމަނަފުށީގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުތަކުގެ ދަފްތަރު އެކުލަވާލައި، އެއްކުރެވުނު މަޢުލޫމާތު ރަށު ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ގެމަނަފުށި ޕޮލިސް ސްޓޭޝަނުން މި އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، ވަނީ އެރަށުގެ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކޮށް އެރަށުގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުތަކުގެ މަޢުލޫމާތުތައް އެއްކޮށްފައިވެއެވެ. އެގޮތުން އެއްގަމު އުޅަނދުތަކުގެ އިންޖީނު ނަންބަރުތަކާއި ވެރިފަރާތުގެ މަޢުލޫމާތާއި  ދޯންޏާއި، ޑިންގީ، ފެރީ އަދި މަސްވެރިކަން ކުރާ އުޅަނދުތަކުގެ މަޢުލޫމާތާއި ވެރިފަރާތްތަކުގެ މަޢުލޫމާތުތައް ހޯދާފައިވެއެވެ.

މި ޕްރޮގްރާމުގެ ތެރެއިންވަނީ  އުޅަނދު ދުއްވުގައި ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމައަށް ހުރިތޯ ބެލުމުގެ މަސައްކަތްކޮށްފައެވެ. އެގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތަކުގައި ހުންނަޖެހޭ އަހަރީ ފީ އާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެއިތުރުން އެރަށުގައި ދުއްވާ ދޯނި، ޑިންގީ، ފެރީ އަދި މަސްވެރިކަން ކުރާ ދޯނި ފަހަރުގައި ހުންނަޖެހޭ ސީވާދިނަސް ހުއްދައާއި އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ބަލައިފާސްކޮށްފައިވެއެވެ. އަދި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ބުނެދިނުމާއި އުޅަނދުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މިޕްރޮގްރާމުގެ ތެރެއިން، އެރަށުގައި ދުއްވާ އެއްގަމު 360 އުޅަނދާއި ކަނޑުގައި ދުއްވާ 80 އުޅަނދުގެ މަޢުލޫމާތު އެއްކޮށް، ބަލައިފާސްކޮށްފައިވެއެވެ.