Commissioner of Police

الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين

ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެ ފަރާތްތަކުގެ ފުރާނަ ޤުރުބާން ކޮށްފައި ވާ ފުލުހުންގެ ލޮބުވެތި އާއިލާތަކުގެ އެންމެހާ ބޭފުޅުން… ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް، އެގްޒެކެޓިވް އޮފިސަރުން، އޮފިސަރުން، އެންމެހާ ފުލުހުން އަދި މުވައްޒިފުން، މި ރަސްމިއްޔާތު ދުރާގާތުން ބައްލަވާ އަދި އަޑު އައްސަވަމުންގެންދަވާ އެންމެހާ ބޭފުޅުން.

السلام عليكم

އާދެ، މިއަދު އަޅުގަނޑުމެން އެއްވެ މިތިބީ އެބައެއްގެ ހަނދާން އަބަދު އާކޮށް ތާއަބަދަށް މި މުއައްސަސާ ފަޚުރުވެރިވާނެ ފުލުހުންގެ މަތީން ހަނދާންކޮށް ފަސްޖެހުމެއް ނެތި އެފުލުހުން ކޮށްދެއްވި މަތިވެރި ޚިދުމަތާއި ވެލައްވާފައިވާ ގުރުބާނީ ފާހަގަ ކުރުމަށް.

ދިވެހި ފުލުހުންގެ ތެރެއިން މިއަދާއިހަމައަށް ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ އެޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ ހާދިސާ އަދި ކަންކަމުގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތައް އަޅުގަނޑުމެންގެ ހަނދާނަށް ގެނައުމަށްޓަކައި އެއިން ކޮންމެ ބޭކަލެއްގެ ނަން ވަކިވަކިން އަޅުގަނޑު ފާހަގަކޮށްލާނަން.

ޕޮލިސް ލާންސް ކޯޕްރަލް، އަލްމަރުޙްމޫ ޢަލީ ނާޒިމް (ލ.ފޮނަދޫ / ޗާނދަނީމާގޭ). ކަނޑުމަތީގައި ބަޔަކު ހާލުގައި ޖެހުނު ޚަބަރު ލިބުނު އިރު އޭނާ ހުރީ އޮފް ޑިއުޓީގައި. ނަމަވެސް އޭނާ ދެއްކީ ފުލުހެއްގެ ސާފު ޝަޚްޞިއްޔަތު. ހާލުގައި ޖެހުނު ރައްޔިތުން ސަލާމަތްކުރުމަށް ކަނޑުމައްޗަށް އެރުމަށް ދިޔަ މަގުމަތީގައި ވީ އެކްސިޑެންޓެއްގައި އޭނާ ނިޔާވި. މާތް ﷲ އޭނާގެ ފުރާނައަށް ހެޔޮ ޖަޒާ ދެއްވާށި!

ޕޮލިސް ކޮންސްޓަބަލް، އަލްމަރުޙޫމު ޔޫސުފް ޒަމީރު (ވ.ރަކީދޫ / ނަރުގިސްވިލާ). ޚިދުމަތުގައި އުޅުއްވަނިކޮށް ކަނޑުމަތީގެ ހާދިސާއެއްގައި ނިޔާވި. މާތް ﷲ އޭނާގެ ފުރާނައަށް ހެޔޮ ދަރުމަ ދެއްވާށި!

ޕޮލިސް ސަރޖަންޓް، އަލްމަރުޙްމޫ އާދަމް ޙަލީމް (ކ.ކާށިދޫ / ކެތި). އޭނާގެ ފުރާނަ އޭނާއާ ވަކިވެފައިވަނީ ވަރަށް އިހާނެތި ހަމަލާއެއްގައި. ގޭބަންދުގައި ހުރި ކުށްވެރިޔަކު، އަމުރާ ޚިލާފުވެ ރަށުތެރޭ އުޅެނިކޮށް ފެނިގެން، އޭނާ ޤާނޫނުގެ އިމުގެ ތެރެއަށް ގެންނަން އޭނާއަށް މަގުދައްކައިދޭން ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވީ، އެ ކުށްވެރިޔާގެ އަނިޔާވެރި ހަމަލާއެއްގައި އާދަމް ޙަލީމު ޝަހީދުވުން. އޯގާވަންތަ ﷲ އޭނާއަށް ޙައްޤު ހެޔޮ ޖަޒާ ދެއްވާށި!

ޕޮލިސް ކޯޕްރަލް، އަލްމަރުޙްމޫ މިޞްބާޙު ޢަބްދުﷲ (ބ.ހިތާދޫ / ނަސީމީ ވިލާ). އަޅުގަނޑުމެންނާ ވަކިވެދާން ޖެހުނު ހާދިސާއަކީ ވެސް ހިތްދަތި ހަނދާނެއް. އެހެނީ އޭނާއަކީ ޖާގަ އޮތް ތަނަވަސް މަގެއްގައި ޕޮލިސް ޗެކްޕޮއިންޓެއްގައި އުޅަނދުފަހަރު ޗެކްކުރުމުގެ މަސައްކަތުގައި، ޤައުމީ ޚިދުމަތުގައި ހުއްޓައި، ބާރު ދުވެލީގައި ދުއްވައިފައި އައި ސައިކަލަކުން ޖައްސައި އުމުރުން އެންމެ 22 އަހަރުގައި ޝަހީދުކޮށްލެވުނު އުންމީދީ ފަހުލަވާނެއް. ﷲ އޭނާއަށް ހެޔޮ ޖަޒާ ދެއްވާށި!

ޕޮލިސް ކޯޕްރަލް، އަލްމަރުޙްމޫ އަޙްމަދު ވިފާޤު (ށ.ކޮމަންޑޫ / އަސްރަފީގެ). 30 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ހަދަމުން ދިޔަ ދުވަސްވަރު 2018 ވަނަތެރޭ ނިޔާވި. އޭނާއާ މެދު ވެސް ހެޔޮ ދުޢާ ތަކުރާރުކޮށްލަން!

އޯގާވަންތަ ﷲ މި އެންމެހައި އަޚުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި! ހެޔޮ ޖަޒާދެއްވާށި! އާއިލާތަކަށް ކެތްތެރިކަން ދެއްވައި ބާއްޖަވެރިކުރައްވާށި!

އާދެ، އަޅުގަނޑުމެން ހިދުމަތް ކުރަމުންދާ މާހައުލުގައި މިއަދުވެސް ފުލުހުންނަށް އަދި މި މުއައްސަސާގެ މުވައްޒަފުންނަށް ނުރައްކާތެރިކަން އެބައޮތް.

ފުލުހުންނަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ޚިދުމަތެއްދޭ ބައެއްކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކޮށް އެކަން ބަލައިގެން ނަމަވެސް އެއްބަޔަކު އަބަދުވެސް ފުލުހުންނާމެދު ނަފްރަތު ކުރުމާއި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ބައެއް ހާލަތުގައި އަނިޔާއާއި ގޯނާ ކުރަމުންދޭ.

އަދި މިއަދުގެ މާހައުލުގައި، ފުލުހުންނަށް ޖިސްމާނީ އަނިޔާގެ އިތުރުން، ނަފްސާނީ ގޮތުންވެސް އަނިޔާކުރޭ. އޮންލައިން ޕްލެޓްފޯމްތަކުގައި ބައެއް ފަރާތްތަކުން ވަކިވަކި ފުލުހުންނަށް ނިސްބަތްކޮށް ބިރުދެއްކުމާއި ފުރައްސާރަ ކުރުން އެއީ މިއަދު ހިނގަމުން އަންނަ ކަންކަން. މިއީ ވަރަށް ހިތާމަވެރި ކަމެއް. އަދި އަޅުގަނޑުމެން މިމުއައްސަސާގެ ފަރާތުން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމެއް.

ރައްޔިތުންގެ ތެރެއިން މަދުބަޔަކު މިކުރާ މިފަދަ ކަންކަމަށް ނޫނެކޭ ބުނުން އެއީ ފުލުހުންގެ މަސައްކަތް ބަލައިގަންނަ ގިނަ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރާކަމެއް.

ހަމަ މިފުރުސަތުގައި ދިވެހި ފުލުހުންގެ މުއައްސަސާގެ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ހަނދާންކޮށްދޭން ބޭނުންވަނީ އަޅުގަނޑުމެން ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރާއިރު އަބަދުވެސް ގާނޫނުތަކަށް އަޅުގަނޑުމެން އެންމެން ބޯލަބަންޖެހޭނެކަން.

މިމުއައްސަސާގެ އެންމެ މަތީ ލީޑަރޝިޕްއިން އެންމެ ޚާއްސަ އިސްކަމެއް ދޭނެ އެއްކަމަކީ ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާ ފަރާތްތައް އެއީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާއި ގެއްލުމުން ރައްކާތެރި ކުރުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ރަނގަޅުކުރުމާއި، ފޯރުވައިދޭންޖެހޭ ތައުލީމާއި، ތަމްރީން އަދި މަސައްކަތަށް ބޭނުންވާ އާލާތްތައް ހަމަޖައްސައިދިނުން.

މި ފުރުޞަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް އަދާކުރާ އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރަން. ފުލުހުންގެ ވާޖިބަކީ ޤާނޫނު ނެގެހެއްޓުން. މުޖުތަމައު އަމާންކުރުން. ފުލުހުންގެ އެންމެ މަތީ މަސްލަހަތަކީ ރައްޔިތުން ރައްކާތެރިކުރުމާއި ރައްޔިތުންނަށް އެހީތެރިވުން. މަދަދުވެރިވުން. މާތްވެގެންވާ އިސްލާމްދީނުގެ އަޚުލާޤުން ޒީނަތްތެރިވުން. އަޅުކަންކުރުމާއި މުއާމަލާތުކުރުމުގައި ނަމޫނާބަޔަކަށްވުން. އެދެވޭ ނަތީޖާއަކީ ރައްޔިތުން ފުލުހުންނަށް އެހީތެރިވުމާއި، ކުރާ އިތުބާރާއި ޔަގީންކަން އިތުރުވެ، ފުލުހުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ހޯދައިދިނުމަށް ރައްޔިތުންވެސް ވަކާލާތުކުރުން.

މާތް ﷲ އަޅުގަނޑުމެންގެ މި މަސައްކަތުގައި ބަރަކާތްލައްވާށި! ކުރިޔަށް ދިވެހި ޤައުމު. ކުރިޔަށް ދިވެހި ފުލުހުން.

والسلام عليكم