ISD running

ސީޕީ ކަޕް ވުމަންސް ސިކްސް އަ ސައިޑް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން އައިއެސްޑީ ރަނިން ޖާގަހޯދައިފިއެވެ.

އައިއެސްޑީ ރަނިން ފައިނަލުން ޖާގަހޯދީީ އަންހެން ޑިވިޜަންގައި ކުޅުނު ހަތަރު މެޗުން ލިބުނު 11 ޕޮއިންޓާއެކު އެއް ވަނަ ޓީމުގެ ގޮތުގައެވެ.

ސީޕީ ކަޕް ވުމަންސް ސިކްސް އަ ސައިޑް  ފުޓްބޯޅަ މުބާރާތް ކުރިއަށްދަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. މި މުބާރާތުގެ ފައިނަލުން އައިއެސްޑީ ރަނިން ޖާގަ ހޯދިއިރު، ފައިނަލުގައި ވާދަކުރާ އަނެއް ޓީމު ކަނޑައެޅިގެންދާނީ އަންހެން ޑިވިޜަންގެ ދެވަނަ ޓީމާއި ތިން ވަނަ ޓީމާ ދެމެދު ކުޅެވޭ ސެމީ ފައިނަލް މެޗުންނެވެ. މިމެޗުގައި ވާދަކުރާނީ އެސްއޯއާރުސީ ހާޓް ބީޓާއި ޕޮލްކޯއެވެ.

އެސްއޯއާރުސީ ހާޓް ބީޓް ސެމީ ފައިނަލުން ޖާގަ ހޯދީ ހަތަރު ޕޮއިންޓާއެކުއެވެ. އަދި ޕޮލްކޯއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

އަންހެން ޑިވިޜަންގެ ސެމީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 24 ވަނަ ދުވަހުގެ ހެނދުނު 08:00 ގައެވެ.  އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 28 ވަނަ ދުވަހުގެރޭ 21:00 ގައެވެ.