kolamaafushi 1

ގއ. ކޮލަމާފުށި ޕޮލިސް ސްޓޭޝަނުން އެރަށުގެ ރައްޔިތުންނާއި ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކާއި ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމްތަކުގެ ތެރެއިން ޖުލައި މަހުގެ 20 ވަނަ ދުވަހު ކޮލަމާފުށި ސްކޫލުގެ ގްރޭޑް ތިނަކުން ގްރޭޑް ނުވައެއްގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކީ ސްކޫތަކުގެ ކަރިކިއުލަމްގެ ތެރެއިން، ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ދަރިވަރަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ކޮލަމާފުށި ސްކޫލުގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ކޮލަމާފުށީ ސްކޫލުގެ ޖުމުލަ 92 ދަރިވަރަކު ބައިވެރިވާ މި ޕްރޮގްރާމުގައި ކިކް ޖަހާނެ ގޮތާއި ފްލޯޓް ކުރާނެ ގޮތާއި ތަފާތު ގިނަ ސްޓްރޯކް ޖަހާނެގޮތް ދަރިވަރުންނަށް އުނގަންނައިދީ ފަރިތަކުރުވާނެއެވެ.

kolamafushi

މީގެއިތުރުން ކޮލަމާފުށި ރައްޔިތުންނަށް ކުރިއަށް ގެންދާ އެކުއަޓިކް ފިޓްނަސް ޕްރޮގްރާމަކީ ކޮލަމާފުށި އަންހެނުންގެ ކޮމެޓީގެ އެދުމުގެ މަތިން ކޮލަމާފުށި ޕޮލިސް ސްޓޭޝަނުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ފައިދާހުރި ކާނާ ބޭނުން ކުރާނެ ގޮތްތަކާއި ކެއުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން ގޭގައި އަމިއްލައަށް ކުރެވޭނެ ކަސްރަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެވޭނެއެވެ. މި ޕްރޮގްރާމުގައި ކޮލަމާފުށީގެ 84 ބައިވެރިން ބައިވެރިވެފައިވެއެވެ.

ކޮލަމާފުށީގެ އިރުމަތީ ފަރާތު ބީޗުގައި ކުރިއަށް ގެންދާ މި ދެ ޕްރޮގްރާމަކީ 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމް ތަކެކެވެ. މި ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމުގައި ކޮލަމާފުށި ސިއްޙީމަރުކަޒުގެ ފަރާތުން ފުލުހުންނަށް އެހީތެރިކަން ލިބެމުން ދެއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ކޮލަމާފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.

މާލެއާއި އަތޮޅުތަކުގެ ރަށްރަށުގެ ސްކޫލްތަކާއި ރައްޔިތުންނާ ގުޅިގެން ކުރިއަށްގެންދާ މިފަދަ ކޮންމެ ޕްރޮގްރާމެއްގައި ފުލުހުންދަނީ ޢަމަލީގޮތުން ބައިވެރިވެ މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެމުންނެވެ.