awareness

ކުށްމަދު އަމާން މާހައުލެއް ޤާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. ކަނޑުހުޅުދޫގައި ކުށްމަދު ކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް އެރަށު ޕޮލިސް ޑެސްކުން ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ޖުލައި 19 ވަނަ ދުވަހު ކުރިޔަށްގެންދިޔަ ޕްރޮގްރާމުގައި، ކަނޑުހުޅުދޫ ފިހާރަތަކަށް ޒިޔާރަތްކޮށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިފައި ހުރި ކަންކަން ދެނެގަނެ  އެކަންކަން ރަނގަޅުކުރުމަށް އިތުރަށް އެޅިދާނެ ފިޔަވަޅުތަކާގުޅޭ ގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާއި މުދަލާއި އިމާރާތް ވީއެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތުދީފައިވެއެވެ. އަދި ސިނގިރެޓް ފަދަ ދުންފަތާއި ގުޅުން ހުރި އެއްޗެއް ގަތުމަށް ކުޑަކުއްޖަކު އަތުވެއްޖެނަމަ އެފަދަ އެއްވެސް އެއްޗެއް ކުޑަކުދިންނަށް ނުވިއްކުމަށް ނަސޭހަތްތެރި ވެފައިވެއެވެ. އަދި ފިހާރަ ބަންދުކޮށްފައި ދާއިރު ފިހާރާގައި ފައިސާ ނުބެހެއްޓުމަށާއި، ފިހާރަ ބަންދުކޮށްފައި ދިޔުމުގެ ކުރިން ފިހާރައިގެ ދޮރުތައް ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީން ކުރުމަށް ނަޞޭޙަތްތެރި ވެފައިވެއެވެ. އަދި އެއްވެސް ފަރާތަކުން ފިހާރައަށް ގެއްލުމެއް ދީފާނެކަމަށް، ފިހާރައިގެ ވެރިފަރާތަށް ނުވަތަ މުވައްޒަފަކަށް ފާހަގަ ކުރެވިއްޖެނަމަ އެކަން ވީއެންމެ އަވަހަކަށް ފުލުހުންނަށް އެންގުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ޖުލައި 18 ވަނަ ދުވަހު ކަނޑުހުޅުދޫ ހެލްތު ސެންޓަރުގެ މުވައްޒަފުންނާއި ބައްދަލުކޮށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، އެކްސިޑެންޓެއްގެ ސަބަބުން އެއްވެސް މީހަކު ހެލްތު ސެންޓަރަށް ފަރުވާއަށް ގެނެވިއްޖެނަމަ ފުލުހުންނަށް އެންގުމަށާއި އަދި ޝައްކުވާ ކަހަލަ ޒަޚަމެއް ބަލިމީހެއްގެ ކިބައިން ފެނިއްޖެނަމަ އެ މަޢުލޫމާތުވެސް ފުލުހުންނާއި ހިއްސާކުރުމަށް އެދިފައިވެއެވެ. އަދި ޑޮކްޓަރުގެ ލިޔުމާއި ނުލާ ބޭހެއް ހޯދުމަށް މީހަކު މަސައްކަތްކުރާނަމަ އެކަން ފުލުހުންނަށް އެންގުމަށާއި ހެލްތު ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފަކަށް އެއްވެސް ފަރާތަކުން އިންޒާރެއްދީ ނުވަތަ ގޯނާއެއް ކޮށްފިނަމަ ލަސްނުކޮށް ފުލުހުންނަށް އެކަން އެންގުމަށް އެދިފައިވެއެވެ.

މީގެ އިތުރުން ޖުލައި 13 ވަނަ ދުވަހު ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ދަށުން ކަނޑުހުޅުދޫ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ގޭތެރޭގައި އާންމުކޮށް ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތުދީ އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ ފުލުހުންނަށް އެންގުމަށް ނަސޭހަތްތެރި ވެފައިވެއެވެ. އަދި ގޭގައި އެއްވެސް މީހަކު ނޫޅޭނަމަ ގެ ރަނގަޅަށް ތަޅުލުމަށާއި ގެ ހުސްކޮށްފައި އެންމެން ރަށުން ބޭރަށްދާ ނަމަ ނުވަތަ ގެ ހުސްކޮށް ހުންނަ ވަގުތުތަކުގައި އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމަށް އެންގިފައިވެއެވެ. އަދި ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރި ކުރުމަށްޓަކައި މައިންބަފައިން މުހިންމު ރޯލެއް އަދާކުރުމަށާއި އެކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރި ވެފައިވެއެވެ.