RNasheedMeetsSirHugh

 ފުލުހުންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް ތަރައްޤީކުރުމަށް ފަންނީ ލަފާދެއްވުމަށް އިންގިރޭސިވިލާތުން ވަޑައިގެން އުޅުއްވާ ކޮންސަލްޓަންޓް، ޕޮލިސް ސަރވިސް އޮފް ނޯދަރން އައިލެންޑްގެ ކުރީގެ ޗީފް ކޮންސްޓަބަލް، ސަރ ހިއު ސްޓެފަން ރޮޑެން އޯރޑްއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސަރ ހިއު އޯރޑްއާ ބައްދަލުކުރައްވާފައިވަނީ މިއަދު 11:00 ގައި ރައްޔިތުން މަޖިލީހުގެ އިދާރާގައެވެ.

ސަރ ހިއު އޯރޑްގެ މި ދަތުރުފުޅަކީ  މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާއި އިނގިރޭސިވިލާތުގެ ތަންފީޛީ އިދާރާތަކާއި މިސަރވިސްއާއެކު އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން ލަފާ ދެއްވުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ސަރ ހިއު އޯރޑް ދިވެހިރާއްޖޭގެ މުހިއްމު ވުޒާރާތަކުގެ އިސް ވެރިންނާއި ބައެއް މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.