Hanimaadhoo

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ހދ. ހަނިމާދޫ ސްކޫލުގެ ޕްރިފެކްޓުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

ޖުލައި 16 ވަނަ ދުވަހު ހަނިމާދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، މަގުމަތީގެ އަދަބުތަކާއި ހިނގާބިގާވެ އުޅުމުގައާއި އަދި ބައިސްކަލް ފަދަ އުޅަނދު ދުއްވާއިރު ވިސްނަންވީ ކަންތައްތަކާއި އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ޓްރެފިކް ނިޝާންތަކާއި އެކްސިޑެންޓް ފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ޓީމް ބިލްޑިންގާއި ލީޑަރޝިޕާއި ގުޅޭގޮތުން މަޢުލޫމާތުދީ އެކްސަސައިޒް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ޓީމް ބިލްޑް ކުރެވޭނީ ކިހިނެއްކަމާއި ޓީމެއްގައި ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި ކާމިޔާބީއާއި ހަމައަށް ވާޞިލުވުމަށް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ލީޑަރާއި ލީޑަރުންގެ ދަޢުރަކީ ކޮބައިކަމާއި ކަންކަމުގައި އިސްނެގުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި ހަނިމާދޫ ސްކޫލުގެ 30 އަށް ވުރެ ގިނަ ޕްރިފެކްޓުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމުގައި ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.