DED

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހުންނާއި 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ޖުލައި މަހުގެ 16 ވަނަ ދުވަހުގެރޭ 20:10 އެހާކަށްހާއިރު މާލޭގެ ގެއެއްގެ ކޮޓަރިންނެވެ.

މިއޮޕަރޭޝަންގައި، އެމީހުން އެވަގުތު ތިބި ކޮޓަރި ބަލައިފާސްކުރިއިރު އެ ކޮޓަރި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 17 ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ރަބަރު ޕެކެޓާއި މަސްތުވާތަކެތިި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.