އިހަވަންދޫގައި ނެއިބަހުޑް ޕޮލިސް ތަޢާރަފުކުރުމާ ގުޅޭގޮތުން ޚިޔާލުހޯދުމަށް ގޭގެއަށް ކުރި ޒިޔާރަތުގެ ތެރެއިން - ފޮޓޯ: އިހަވަންދޫ ޕޮލިސް
އިހަވަންދޫގައި ނެއިބަހުޑް ޕޮލިސް ތަޢާރަފުކުރުމާ ގުޅޭގޮތުން ޚިޔާލުހޯދުމަށް ގޭގެއަށް ކުރި ޒިޔާރަތުގެ ތެރެއިން - ފޮޓޯ: އިހަވަންދޫ ޕޮލިސް

އިހަވަންދޫގައި ނެއިބަހުޑް ޕޮލިސް ތަޢާރަފުކުރުމާ ގުޅޭގޮތުން ޚިޔާލުހޯދުމަށް ގޭގެއަށް ކުރި ޒިޔާރަތުގެ ތެރެއިން – ފޮޓޯ: އިހަވަންދޫ ޕޮލިސް

ހއ. އިހަވަންދޫގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފްކުރުމަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

2019 ޖޫން 30 އިން ޖުލައި 08 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގެ ދަށުން، އިހަވަންދޫގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާ ކުރެވިފައިވެއެވެ.

އެގޮތުން ނެއިބަރހުޑް އޮފިސަރުންނާ އާންމު ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުމާއި، އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި ވައްކަމާއި، އާންމު އިޖްތިމާޢީ މިންގަނޑާ ޙިލާފު އަމަލުތަކާ ބެހޭގޮތުން މަޝްވަރާކުރެވި އެފަދަ ކަންތައްތަކާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ދެވި މަޝްވަރާ ކުރެވިފައިވެއެވެ. އަދި އިހަވަންދޫގައި ދިރިއުޅޭ ބިދޭސީންގެ މައުލުމާތުތައް ހޯދައި ބިދޭސީންނާ ހަވާލުވެފައިވާ މީހުންނަށް ބިދޭސީ މަސައްކަތްތެރިންނާ ގުޅުންހުރި ޤަވާޢިދުތަކާބެހޭ މަޢުލޫމަތުތައް ދީފައިވެއެވެ.

އޭގެ އިތުރުން، ގެވެށި އަނިޔާއާއި ކުޑަކުދިންނަށް މުވާސަލާތީ ވަޞީލަތްތައް ފޯރުކޮށްދޭއިރު ސަމާލުކަންދޭންވީ ކަންތައްތަކާއި  ކުށުގެ ބިރުވެރިކަން ކުޑަކޮށް ރަށުތެރޭގައި އަމާންކަން ޤާއިމްކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.

މީގެއިތުރުން ނެއިބަރހުޑް އޮފިސަރުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިކަން އޮޅުންފިލުވައި ޖިނާޢީ ޢަދުލުގެ ނިޒާމަށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ވަނީ ދީފައެވެ.

މި ޕްރޮގްރާމުގެ ދަށުން އިހަވަންދޫގެ 369 ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ.