viber_image_2019-07-13_15-22-49

ކ.ގުރައިދޫގައި ހުރި ގެސްޓްހަައުސްތަކަށާއި ފަތުރުވެރިންގެ ދަތުރު ރާވައި ހިންގާ ތަންތަނަށް އަމާޒުކޮށްގެން ޓޫރިސްޓް ޕޮލިހުން އިސްނަގައިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

2019 ޖުލައި 03 ން 04 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މިޕޮރުގްރާމްގައި ކ.ގުރައިދޫގައި ހުރި 14 ގެސްޓް ހައުސްއަކަށާއި ފަތުރުވެރިންގެ ދަތުރުތައް ރާވައި ހިންގާ 03 ތަންތަނަށް ޒިޔާރަތްކޮށްފައިވެއެވެ.

މި ޕްރޮގްރާމްގަައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް ގެސްޓްހައުސްތަކުގައި ގާނޫނީ ގޮތުން ހުރުން ލާޒިމްކުރާ ސަލާމަތީ ވަސީލަތްތައް ޤާއިމް ކުރެވިފައިވޭތޯ ބަލާފައިވެއެވެ. އޭގެ އިތުރުން، ދިވެހިރާއްޖޭގެ އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނަށް، ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތައް ހޭލުންތެރިކޮށް، މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނާ ހިއްސާކުރަންޖެހޭ މައުލޫމާތާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

 މި ޕްރޮގްރާމްގައި، ފަތުރުވެރިން މޫދަށްއެރި އުޅުމުގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ފުލުހުންނާއި ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާގުޅޭ ގޮތުން މަޝްވަރާކޮށް، ޓުއަރިސްޓް ޕޮލިސްގެ ޓޯލް-ފްރީ ނަންބަރު “1478” އާގުޅޭ މައުލޫމާތު ހިއްސާ ކުރެވިފައިވެއެވެ. އަދި ކ.ގުރައިދޫ ކައުންސިލާއި ބައްދަލުކޮށް ކުރިމަތިވާ މައްސަލަތާކާގުޅޭ މަޢުލޫމާތު ހޯދައި، ކައުންސިލްގެ ކަންބޮޑުވުންތައް ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މިޕްރޮގްރާމް ކުރިއަށް ދިޔަ އިރު ފަތުރުވެރިންގެ ދަތުރު ރާވައި ހިންގާ ތަންތަނަށް މެރިން ޕޮލިސްގެ ފަރާތުން ޒިޔާރަތްކޮށް ކަނޑުއުޅަނދު ފަހަރުގެ ސަލާމަތީ މިންގަނޑުތަކާއގުޅޭ ގޮތުން މައުލޫމާތުދީ، އުޅަނދުތަކުގައި ސަލާމަތީ ކަންކަން ފުރިހަމަ ވެފައިވޭތޯ ބަލާފައިވެއެވެ.