IMG_20190706_181526_360

މ . ކޮޅުފުށި ޕޮލިސް ސްޓޭަޝަނާއި މ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު ގުޅިގެން މ. ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ޖުލައި 5 ން 6 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން މ. އަތޮޅު މަދަރުސާގެ ގްރޭޑް 1 ން ގްރޭޑް 3 ގެ ގްރޭޑްތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ބެލެނިވެރިންނަށް “ޒިންމާދާރު ބެލެނިވެރިން” މި މަޢުޟޫއަށް މަޢުލޫމާތު ދީފައިވާއިރު، އެސްކޫލުގެ ގްރޭޑް 7 ން ގްރޭޑް 10 ގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ވަނީ ކުޑަކުދިންގެ ހައްޤުތަކާއި ޒިންމާތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.

އެގޮތުން ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި ކުދިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅެންވީ ރިވެތި ގޮތްތަކާއި މުއާމަލާތް ކުރަންވީ ގޮތާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ކުދިން ބެލުމުގައި އިހްމާލް ނުވުމަށާއި ނޭނގި ނަމަވެސް ވެވޭ އިހްމާލްގެ ސަބަބުން އެކަން އަނިޔާއަކަށް ބަދަލުވެ އެކަމުގެ ސަބަބުން ހީނުކުރާ ކަހަލަ ބޮޑެތި ގެއްލުންތައް ކުދިންނަށާއި އާއިލާއަށް ލިބޭކަން ބުނެދީފައިވެއެވެ.

މީގެއިތުރުން ޓީޗަރުންނާއި ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމަށް ކުދިންނަށް ހަނދާންކޮށްދިނުމަށާއި ކުދިން ތަރުބިއްޔަތު ކުރުމުގައި އެންމެ ބޮޑު އެއް ޒިއްމާއުފުލާ ބަޔަކީ ބެލެނިވެރިންނާއި މައިންބަފައިބަފައިން ކަމާއި ކުދިންނަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަހަލަ ކަމެއް ނުކޮށް ދަރިން ތަރުބިއްޔަތު ކުރުމަށް ނަސޭހަތްތެރި ވެފައިވެއެވެ. އަދި ބެލެނިވެރިންގެ ޢަމަލުތައް ބަހައްޓަންވީ ގޮތާއި ބައެއް ކުދިންގެ ފަރާތުން ފެންނަ ކަންކަން ބުނެދީ، އެކަންކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެޝަންގައި ކުޑަކުދިންނަށް ލިބިފައިވާ ހައްޤުތަކަކީ ކޮބައިކަން ބުނެދީ، ކުޑަކުދިން ކުށް ކުރުމުން އެކުދިންވެސް ޒިންމާ އުފުލަން ޖެހޭނެކަމާއި އެފަދަ ކުށްތަކަށް އަރައި ނުގަތުމަށް ނަސޭހަތްތެރި ވެފައިވެއެވެ. އަދި  ސްކޫލް މާހައުލާއި އެހެނިހެން ތަންތަނުގައި އުޅޭ އިރު އެއްވެސް ކުއްޖެއް ނުރުހޭ ނަމަކުން ގޮވުމާއި ބުލީ ނުކުރުމަށާއި ޓީޗަރުންނަށް އިހްތިރާމް ކުރުމަށާއި  ބޮޑެތި މީހުންނަށް އިހްތިރާމް ކުރުމަށް ކުދިންގެ ކިބައިން އެދިފައިވެއެވެ. މީގެއިތުރުން  ޓީޗަރުން ކިޔަވައިދޭ ގަޑީގައި އެކަމަށް ސަމާލުކަން ދީގެން ލިބޭ ފުރުސަތުގައި ބޭނުން ހިފައި ރަނގަޅު ނަތީޖާ އެއް ހޯދުމަށް ހުރިހާ ކުދިންވެސް މަސައްކަތް ކުރުމަށާއި ސުކޫލުން ހަދާފައިވާ ގަވާއިދު ތަކާއި ހިލާފަށް ނޫޅުމަށާއި މައިން ބަފައިންނާއި ބެލެނިވެރިންގެ ބަސް އަހައިގެން އެމީހުންދޭ ނަސޭހަތް ގަބޫލުކޮށްގެން އުޅުމަށް ދަރިވަރުންނަށް ހަނދާންކޮށްދީފައިވެއެވެ.

މި ސެޝަންތަކުގައި މަޢުލޫމާތު ދެއްވީ މ. ކޮޅުފުށީ ޕޮލިސް ސްޓޭޝަންގެ އިންޗާޖާއި މ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ ބޭފުޅުންނެވެ.